ސްޕެނިޝް ލަލީގާގައި ގްރެނޭޑާ އަތުން ބަލިވީ ބާސެލޯނާ އަށް ގޯލު ކާމިޔާބު ނުކުރެވުމުން ކަމުގައި އެކްލަބުގެ ސްޕޯޓިންގް ޑިރެކްޓަރު އެންޑޯނީ ޒުބިޒަރެޓާ ބުނެފި އެވެ.

ގްރެނޭޑާއާ ދެކޮޅަށް އިއްޔެ ކުޅުނު ލަލީގާ މެޗުން ބާސާ ބަލިވީ 1-0 ލަނޑުންނެވެ. މެޗުގައި ފެނުނު ހަމައެކަނި ލަނޑު 16 ވަނަ މިނެޓްގައި ފެނިގެންދިޔައީ ގްރެނޭޑާގެ ޔަޗިނޭ ބްރަހިމީގެ ފަރާތުންނެވެ. މެޗުގައި ބާސާ އަށް ފުރުސަތުތަކެއް ލިބުނު ނަމަވެސް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. މެޗުން ލިބުނު ބަލީގެ ސަބަބުން ބާސާ ވަނީ ލީގުގެ ތިންވަނަ އަށް ވެއްޓިފަ އެވެ.

"ފުޓްބޯޅައިގައި ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ވެސް ހުންނާނެ،" އުމުރުން 52 އަހަރުގެ ޒުބިޒަރެޓާ ބުންޏެވެ. "އަހަރެމެން އެކަން ގަބޫލުކުރަން. އަދި ކުރިއަށް އޮތްތާ މަސައްކަތްކުރަން ޖެހޭނީ އެކަންތަކަކަށް ވިސްނައިފަ. އަހަރެމެން މެޗުގައި މޮޅުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރިން. ނަމަވެސް އަހަރެމެންނަށް ނުވި ކަމަކީ ގޯލެއް ކާމިޔާބު ކުރުން. މެޗު ފެށުނީއްސުރެ ބާސާ އިން މަސައްކަތްކުރީ ލަނޑެއް ކާމިޔާބުކޮށް މެޗުން މޮޅުވުމަށް،"

ގްރެނޭޑާ އަތުން ބާސާ ބަލިވީ، ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ އަތުން ލިބުނު ނާކާމިޔާބީއާ އެކު އެ މުބާރާތުން ކެޓުމަށް ފަހު އެވެ. ޒުބިޒަރެޓާ ބުނީ، ޗެމްޕިއަންސް ލީގުން ކެޓި ނަމަވެސް ކޮޕަ ޑެލްރޭ ފައިނަލުގައި ރެއާލް މެޑްރިޑާއި ދެކޮޅަށް ނުކުންނާނީ މުބާރާތް ކާމިޔާބު ކުރުމަށް ކަމަށެވެ.

"ޗެމްޕިއަންސް ލީގު ކަހަލަ ބޮޑު މުބާރާތަކުން ކަޓައިގެން ދިއުމަކީ އުފާވެރި ހަބަރެއް ނޫން،" އޭނާ ބުންޏެވެ. "ގްރެނޭޑާ އަތުން އަލުން ހިތްވަރު ހޯދުމަށް ބާސާ ބޭނުންވީ އެހެންވެ. އަހަރެމެން ހިތްވަރުކުރިން ނަމަވެސް ނަތީޖާއެއް ނުނެރެވުނު. ދެން އަހަރެމެން ޖެހޭނީ ހުރިހާ ކަމެއް ހަނދާން ނައްތާލައި ރެއާލްއާ ދެކޮޅަށް ކުޅޭ ފައިނަލު މެޗާއި މެދު ވިސްނަން،"

ކޮޕާ ޑެލްރޭ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ބާސާ ނުކުންނާނީ އަންނަ ބުދަ ދުވަހު ވެލެންސިއާގެ މެސްޓަލާ ސްޓޭޑިއަމްގަ އެވެ. މި މެޗު ފެށޭނީ ރާއްޖޭގަޑިން ބުދަ ދުވަހުގެރޭ މެންދަމު 12:45 ގަ އެވެ.