ޕާކިސްތާނުގެ ޤަބީލާތަކުގެ ސަރަޙައްދުގައި ގެދޮރު ގެއްލިފައިތިބި ރެފިއުޖީންގެ ބަޔަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ޙަމަލާއެއްގައި ރެފިއުޖީންގެ 42 މީހުން މަރުވެ 70 މީހަކު ޒަކަމްވެއްޖެއެވެ. ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ބުނިގޮތުގައި ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ބާޖޫރު ސަރަޙައްދުގައި މިހަމަލާދީފައިވަނީ ކާރުބޮމެއް ގޮއްވާލައިގެން އަމިއްލައަށް މަރުވެގެންނެވެ. މިޙަމަލާދިނީ ގެދޮރު ގެއްލިފައިވާ ރެފިއުޖީންގެ އެތަށްބަޔަކު ކާބޯތަކެތި ހޯދުމަށްޓަކައި އދ.ގެ އޮފީހެއްގެ ކައިރީގައި ކިޔުހަދައިގެން ތިއްބައެވެ. މިޙަމަލާގައި މަރުވެ އަދި ޒަޚަމްވެފައިވަނީ ކާބޯތަކެތި ހޯދުމަށް ކިޔޫ ހަދައިގެންތިބި ނިކަމެތި ރެފިއުޖީންނެވެ. މިއީ ޕާކިސްތާނުގެ ސަރުކާރުގެ ބާރު ނުހިނގާ ސަރަޙައްދުތަކުގެ ތެރޭން ސަރަޙައްދެކެވެ. ޕާކިސްތާނުގެ ސަރުކާރުންވަނީ މިޙަމަލާ ކުށްވެރިކޮށްފައެވެ. މިއީ ބޭރުގެ ފަރާތެއްގެ އަތެއްވާ ޙަމަލާއެއްކަން ނުވަތަ ޕާކިސްތާން ތާލިބާންގެ ޙަމަލާއެއްކަން ނޭންގޭ ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް މިއީ ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތްތަކުގެ ޙަމަލާއެއްކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ޝައްކުކުރެއެވެ. އަނެއްކޮޅުން ތާލިބާނުންގެ ލީޑަރެއް ކަމަށްވާ ނަސްރުﷲ ޙަޢްޤާނީ ހައްޔަރު ކުރެވިއްޖެކަމަށް ޕާކިސްތާނުގެ އަމްނާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.


-----------------------