13 Apr 2014, 20:54
ދުނިޔޭގެ ތިމާވެށި ސަލާމަތް ކޮށް، މޫސުމަށް އަންނަ ތަބީއީ ނޫން ބަދަލުތައް ހުއްޓުވުމަށް ޓަކައި ކާރބަން-އިންޓެންސިވް ހަކަތައިގެ ވަސީލަތްތައް ބޭނުން ކުރުން ވީ އެންމެ އަވަހަކަށް ހުއްޓައިލާން ޖެހޭ ކަމަށް އަލިފުދާލުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ.
އަލިފުދާލުގެ "އިންޓަރގަވަރންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް" ގެ ފަރާތުން ތައްޔާރު ކޮށް، މިއަދު ޖަރުމަނުގެ ބާރލިންގައި ނެރެވުނު ރިޕޯޓުގައި ބުނެފައި ވަނީ ދުނިޔޭގެ ގައުމުތަކުން އިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް މުޅީން ބަދަލު ކޮށްލާން ޖެހޭ ކަމަށެވެ.
ތެއްތިރީސް ސަފުހާގެ މައްޗަށް އެކުލެވޭ ރިޕޯޓާ މެދު ދުނިޔޭގެ ސައެންސްވެރީންނާއި ގައުމުތަކުގެ ސަރުކާރުތަކުގެ އޮފިޝަލުންގެ މެދުގައި އެއްބަސް ކިޔުމަށް ޓަކައި ހަފުތާއެއްހައި ދުވަހު މަޝްވަރާ ކުރެވިފައި ވެއެވެ.
އަލިފުދާލުގެ ރިޕޯޓުގައި އިރުޝާދު ދީފައި ވަނީ ތެލާއި ބޯޓުދެލި ދޫކޮށްލުމުގެ ގޮތުން، އެންމެ ފުރަތަމަ މަރުހަލާގައި ހަކަތައިގެ ހަމައެކަނި ވަސީލަތަކީ ގުދުރަތީ ގޭސް ކަމަށް ހެދިދާނެ ކަމަށެވެ. އެއަށްފަހު، އިއާދަ ކުރަނިވި ވަސީލަތްތައް އިޚްތިޔާރު ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.
މައްސަލައާ ގުޅިގެން މިހާރު ކުރެވޭ އެންމެ މުހިއްމު ބަހުސަކީ ދުނިޔޭގައި ބޭނުން ކުރެވޭ ހަކަތައިގެ ވަސީލަތްތައް މުޅީން ބަދަލު ކޮށްލާ ކޮށްލުމުގައި، ހިނގާނެ ބޮޑު ޚަރަދުގެ ކަންކަން ހަމަޖައްސާނެ ގޮތެއްގެ ބަހުސެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ހަކަތަ އުފައްދާން މިހާރު ބޭނުން ކުރާ ވަސީލަތްތަކުގެ ސަބަބުން، ދުނިޔޭގެ ޖައްވަށް ކާރބަން ބޭރު ވާ މިންވަރު ވަރަށް ބާރަށް އިތުރު ވަމުންދާ ކަމަށެވެ.
ރިޕޯޓު ނެރުމުގެ ރަސްމިއްޔާތުގައި، މިއަދު ބާރލިންގައި ނޫސްވެރީންނާ ވާހަކަ ދައްކަވަމުން، އައިޕީސީސީގެ ޗެއަރޕާރސަން ރާޖެންދްރަ ޕަޗައުރީ ވިދާޅު ވީ "ދުނިޔޭގެ ތިމާވެށްޓަށާއި މޫސުމަށް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ހުއްޓުވުމުގެ މަސައްކަތާއިގެން ފުރާ ރޭލު ވަރަށް އަވަހަށް، އެންމެ ހަރު ދުވެލީގައި ދުއްވައިލާން ޖެހޭ" ކަމަށާއި، "އެ ރޭލަށް މުޅި ދުނިޔެ އަރާން ޖެހޭ" ކަމަށެވެ.
އައިޕީސީސީގެ ރިޕޯޓު ތައްޔާރު ކުރި ސައެންސްވެރީންނާއި ތަޖުރިބާކާރުންގެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ޑރ. ޔޫބާ ސޮކޯނޯ ވިދާޅުވީ "ސައެންސް މިއޮތީ ސައެންސުގެ ބަސް ބުނެފައި" ކަމަށާއި، ދެން އޮތީ ސިޔާސީ ލީޑަރުންނާއި ސިޔާސަތު ރާވައި ތަންފީޒު ކުރާ ފަރާތްތަކުގެ މަސައްކަތް ކަމަށެވެ.
"ސައެންސްވެރީން ކުރާ ކަމަކީ ޗާޓު ކުރެހުން. އެ ޗާޓުގެ ބޭނުން ކޮށްގެން ރަނގަޅު މަގުން ދަތުރު ކުރުމާއި، ނިންމުންތައް ނިންމުމަކީ ސިޔާސަތު ރާވައި ހިންގާ ފަރާތްތަކުގެ ކަމެއް." ޑރ. ސޮކޯނޯ ވިދާޅުވިއެވެ.
މީލާދީން 1750 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް ދުނިޔޭގެ ޖައްވަށް އިންސާނުން ބޭރު ކޮށްފައި ވާ ކާރބަންގެ މުޅި ޖުމުލައިގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ބޭރު ކޮށްފައި ވަނީ ވެއަތު ވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައެވެ. ދުނިޔެއަށް ކުރިމަތި ވި އިޤްތިޞާދީ މައްސަލަތަކާ އެކުގައި ވެސް، 2000 ވަނަ އަހަރުން ފެށިގެން، ޖައްވަށް ކާރބަން ދޫ ކުރެވޭ މިންވަރު ވަނީ ދެ ގޮތެއް ނުވެ، މަތި ވެފައެވެ.
އަލިފުދާލުގެ ރިޕޯޓުގައި ބުނެފައި ވަނީ ފަހަކަށް އައިސް ބޯޓުދެލި ބޭނުން ކުރެވޭ މިންވަރު ވެސް މަތި ވަމުން އަންނަ ކަމަށެވެ.
ދުނިޔޭގެ އާބާދީ އިތުރު ވުމާއި، އިޤްތިޞާދީ ހަރަކާތްތައް ފުޅާ ވަމުން ދިޔުމާ އެކު، މޫސުމަށް އަންނަ ބަދަލުތަކާ މެދު އެކަށޭނަ ފިޔަވަޅުތަކެއް ނޭޅިއްޖެ ނަމަ، 2100 ވަނަ އަހަރާ ހަމަޔަށް ދުނިޔޭގެ ފިނިހޫނުމިން 3.7 ޑިގްރީ ސެލްސިއަސް އާއި 4.8 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކުން އުފުލޭނެ ކަމަށް ސައެންސްވެރީން ވިދާޅުވެއެވެ. ދުނިޔޭގެ ފިނިހޫނުމިން 2 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީ މިންވަރަކުން އުފުލިއްޖެ ނަމަ، ދުނިޔޭގެ ދިރުމަށް އޭގެ ސަބަބުން ނުހަނު ނުރައްކާތެރި ނަތީޖާތަކަކާ ކުރިމަތި ލާން ޖެހޭނެ ކަމަށް ސައެންސް ބުނެއެވެ.
އައިޕީސީސީގެ ސައެންސްވެރީންނާއި ތަޖުރިބާކާރުން ދުނިޔޭގެ މޫސުމާ ބެހޭގޮތުން ބިރު ގަންނާން ޖެހޭ ފަދަ ހޯދުންތަކެއް ހޯދައި، ރިޕޯޓުތަކެއް ޝާއިއު ކޮށްފައި ވާ އިރު، އެ ރިޕޯޓުތަކުގައި ބުނެފައި ވަނީ ހާލަތު އަދި މުޅީން އަތުން ދޫނުވާ ކަމަށާއި، އިންސާނުން މަސައްކަތް ކޮށްފި ނަމަ ދުނިޔޭގެ ތިމާވެށްޓާއި ގުދުރަތީ މޫސުން އަދި ސަލާމަތް ކުރެވިދާނެ ކަމަށެވެ.
"ދުނިޔެ ސަލާމަތް ކުރެވިދާނެ. ނަމަވެސް އެކަން ކުރެވޭނީ ހަކަތައިގެ ސިނާއަތަށް ނިކަން ބޮޑު ބަދަލުތަކެއް ގެނެވިގެން." އައިޕީސީސީގެ ރިޕޯޓުތައް ތައްޔާރު ކުރާ ވޯރކިންގ ގްރޫޕުގެ މެންބަރު، ޕްރޮފެސަރ ޖިމް ސްކިއާ ވިދާޅުވިއެވެ.
ސައެންސްވެރީން ވިދާޅުވަނީ، ދުނިޔޭގެ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ހުއްޓުވުމަށް ޓަކައި، ދުނިޔޭގެ ޖައްވަށް ކާރބަން ބޭރު ކުރެވޭ މިންވަރު 2050 ވަނަ އަހަރާ ހަމަޔަށް ދާ އިރު، 2010 ވަނަ އަހަރަށް ވުރެ 70 ވަރަކަށް އިންސައްތަ މަދު ކުރާން ޖެހޭ ކަމަށެވެ.