ހަވާނާ (އެޕްރީލް 13) : ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ކިޔުބާގެ ވެރިރަށް ހަވާނާއަށް ވަޑައިގެން އެގައުމުގެ ރައީސް ރައޫލް ކާސްޓްރޯއާ ބައްދަލުކުރައްވައިފި އެވެ.

މިއީ ފާއިތުވި ތިރީހަކަށް އަހަރު ތެރޭގައި ފަރަންސޭސިވިލާތުގެ އިސް މަސްއޫލުވެރިއަކު ކިޔުބާއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ފަރަންސޭސި ޚާރިޖީ ވަޒީރަކު އެންމެ ފަހުން ކިޔުބާ އަށް ޒިޔާރަތް ކުރައްވާފައި ވަނީ އެގައުމުގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯގެ ވެރިކަމުގައި 1983 ވަނަ އަހަރު އެވެ. ކިޔުބާގެ މިހާރުގެ ރައީސް ރައޫލް ކާސްޓްރޯއާ ހަވާނާގައި މިއަދު ބައްދަލުކުރެއްވުމަށް ފަހު ފެބިއޮސް ވިދާޅުވީ ދެގައުމުގެ ގުޅުންތައް ބަދަހިކޮށް ފަރަންސޭސި އިންވެސްޓްމަންޓްތައް ކިޔުބާއަށް ގެންދިޔުމާ ބެހޭ ގޮތުންނާއި ކިޔުބާގެ އިގްތިސާދު ބާޒާރު އިގްތިސާދަކަށް ބަދަލުކުރުމާ ބެހޭ ގޮތުން ރައޫލް ކާސްޓްރޯއާ ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމުގަ އެވެ.

މީގެ އިތުރުން ހުޅަނގުން ގެންގުޅޭ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާއެއްގޮތަށް ކިޔުބާގެ އިންސާނީ ހައްގުތައް ރައްކާތެރިކަމާ ބެހޭ ގޮތުންވެސް ކިޔުބާގެ މަސްއޫލުވެރިންނާ މަޝްވަރާތައް ކުރެއްވި ކަމަށް ފެބިއޮސް ވިދާޅުވި އެވެ. ފެބިއޮސްވަނީ ކިޔުބާގެ ޚާރިޖީ ވަޒީރު ބްރޫނޯ ރޮޑްރިގޭޒް އާ ވަކިން ބައްދަލުކުރައްވާފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ފެބިއޮސްގެ މިދަތުރުފުޅުގެ އެޖެންޑާގައި ކިޔުބާގައި ދިރިއުޅޭ ފަރަންސޭސި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން ވެސް ހިމެނެ އެވެ. ފަރަންސޭސި ޚާރިޖީ ވަޒީރުގެ މިދަތުރުފުޅުގެ ބޭނުމަކީ ކެރީބިޔަންގެ ގައުމުތަކާއި ލެޓިން އެމެރިކާގެ ގައުމުތަކާ އެކު ވިޔަފާރިއާއި އިގްތިސާދީ ގުޅުންތައް ބަދަހިކޮށް އެގައުމުތަކުން އިގްތިސާދީ ފައިދާތައް ހާސިލް ކުރުމަށް މަގުފަހި ކުރުން ކަމަށްވެ އެވެ.
2012 ވަނަ އަހަރު ފަރަންސޭސި ޚާރިޖީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފެބިއޮސް ގެންދަވަނީ ސިޔާސީ ސަބަބުތަކާ ގުޅިގެން ފަރަންސޭސިވިލާތާ ގުޅުންގޯސްވެފައިވާ ގައުމުތަކާއެކު ގުޅުންތައް ރަނގަނޅުކޮށް ފަރަންސޭސިވިލާތަށް އިގްތިސާދީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ފައިދާ އެންމެ ބޮޑަށް ހާސިލް ކުރެވޭގޮތަށް އެގައުމުގެ ޑިޕްލޮމެޓިކް ގުޅުންތައް ބައްޓަން ކުރަމުންނެވެ. ކިޔުބާއަކީ ސިޔާސީ ސަބަބުތަކަށްޓަކައި އެމެރިކާއިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ޒަމާނުއްސުރެ އަޅާފައިވާ ގައުމެކެވެ. ނަމަވެސް ޒަމާން ބަދަލުވުމާގުޅިގެން އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މިހާރުވަނީ ކުރިޔާއަޅާބަލާއިރު ވަރަށްބޮޑަށް ކުޑަވެ ހީނަރުވެގެން ގޮސްފައެވެ.
ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެންނާއި ބިރުދައްކައިގެން ކިޔުބާގެ ވެރިކަމުގެ ނިޒާމު ހުޅަނގުގެ ލެބެރަލް ޑިމޮކްރަސީގެ ސްޓައިލަށް ބަދަލުކުރުމަށް އެމެރިކާއި ޔޫރަޕްގެ ގައުމުތައް ކުރި ދިގުލީ މަސައްކަތްތައްވަނީ މުޅިން ނާކާމިޔާބުވެގެން ގޮސްފައެވެ. (ރޮއިޓާސް)