ސިންގަޕޫރުގެ ޗާންގީ ‏‏އެއާޕޯޓް ގްރޫޕާއި ޗާންގީ އެއާޕޯޓް އިންޓަނޭޝަލްގެ ވަފްދަކާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބައްދަލުކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްބި ބައްދަލުކުރެއްވުމުގައި، ‏‏ސިންގަޕޫރުގެ ޗާންގީ އެއަޕޯޓް ތަރައްގީކޮށްފައިވާ ގޮތާބެހޭ މަޢުލޫމާތު، އެ ގްރޫޕުގެ ފަރާތުން ‏‏ރައީސުލްޖުމްހޫރިއްޔާއަށް އެރުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިބްރާހީމް ‏‏ނާޞިރު އިންޓަރނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތުގެ މައިބަދަކަން ‏‏ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ޞިނާޢަތް އިތުރަށް ކުރިއަރުވައި އާލާކުރުމަށް ޓަކައި، ގިނަ އަދަދެއްގެ ‏‏ފަސިންޖަރުންނަށް އެއްފަހަރާ ޚިދުމަތް ދެވޭ ގޮތަށް އެ އެއާޕޯޓް ތަރައްގީ ކުރެއްވުމަށް ‏އެމަނިކުފާނުގެ ‏‏ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރު، ސިންގަޕޫރުގެ ވަފުދާ ޙިއްޞާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.