އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ސިޓީ 2-3 ލަނޑުން ބަލިކޮށް ލީގު ކާމިޔާބު ކުރުމުގެ އުއްމީދު ލިވަޕޫލުން ބޮޑުކޮށްފި އެވެ.

ސިޓީ އަތުން ލިވަޕޫލް މިއަދު މޮޅުވުވުމުން ލީގު ތާވަލުގެ އެއް ވަނަ މަގާމްގައި އެ ޓީމް އޮތީ މިހާތަނަށް ކުޅުނު 34 މެޗުން ލިބުނު 77 ޕޮއިންޓާއެކު އެވެ. ލީގުގެ ދެ ވަނަ މަގާމްގައި އޮތީ މިރޭ ރާއްޖެ ގަޑިން 8:07 ގައި ސްވެންސީ ސިޓީއާ ދެކޮޅަށް ނުކުތް ޗެލްސީއެވެ. ޗެލްސީއިން މިހާތަނަށް މެންޗެސްޓާ ސިޓީއަށްވުރެ އެއް މެޗް މަދުން ކުޅެފައިވާއިރު ލީގް ތާވަލްގައި އޮތީ 72 ޕޮއިންޓާއެކު އެވެ. ލީގު ތާވަލުގެ ތިން ވަނަ މަގާމް ގައި އޮތީ ލިވަޕޫލް އަތުން މިއަދު ބަލިވި ސިޓީ އެވެ. ލީގް ތާވަލްގައި މިހާތަނަށް ސިޓީ ކުޅުނު 32 މެޗުން ލިބިފައި ވަނީ 70 ޕޮއިންޓެވެ.

މީގެ 24 އަހަރު ކުރިން ޕްރިމިއާ ލީގު ދިފާއު ކުރުމަށް ސިޓީއާ ދެކޮޅަށް މިއަދު ލިވަޕޫލުން ނިކުމެ، މެޗުގެ ހަވަނަ މިނެޓުގައި ލިވަޕޫލަށް ލީޑް ނަގައި ދިނީ ރަހީމް ސްޓާލިންނެވެ. އަދި މެޗުގައި ލިވަޕޫލަށް ލީޑު ފުޅާކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 26 ވަނަ މިނެޓުގައި ސޮލަވާކިއާގެ ޑިފެންޑަރު މާޓިން ސްކާޓަލް އެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ސިޓީން އިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިން މިޑްފީލްޑަރު ޑޭވިޑް ސިލްވާއެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ލިވަޕޫލްގެ އިނގިރޭސި ޑިފެންޑަރު ގްލެން ޖޯންސަން އަތުން ބައިކޮލަށް ވަތް ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވި އެވެ.

އެފްއޭ ކަޕް ސެމީ ފައިނަލް މެޗެއްގައި 1989 އަހަރު ހިލްބަރާ ސްޓޭޑިއަމްގައި މީހުން ފިތިގެން ހިނގި ހާދިސާ ފާހަގަ ކުރުމަށް އެއް މިނެޓުގެ ސުކޫތެއް ގެނައި މި މެޗުގައި ލިވަޕޫލް މޮޅުވި ލަނޑު 78 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ އެވ. އަދި ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގައި ލިވަޕޫލުގެ އިނގިރޭސި މިޑްފީލްޑަރު ޖޯޑަން ހެންޑަސަން ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އޭނާ އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ.

ލީގުގައި ލިވަޕޫލަށް އަދި ބާކީ ހަތަރު މެޗް އެބައޮތެވެ. ލީގުގައި ލިވަޕޫލް ދެން އެންމެ އަވަހަށް މެޗެއް ކުލޭނީ މިމަހުގެ 20 ވަނަ ދުވަހު ނޮވިޗް ސިޓީއާ ދެކޮޅަށެވެ.