އަންނަ މަހު ބާއްވާ ޗެލެންޖް ކަޕްގެ ގްރޫޕް ބީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އައްޑޫ ސިޓީގެ ސަލާމަތީ ކަންކަމާ ބެހޭގޮތުން އައްޑޫ ސިޓީގެ ކަމާބެހޭ ފަރާތްތަކާއި ފުލުހުން މަޝްވަރާ ކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާއީލް ނަވީން އައްޑޫއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

އިސްމާއީލް ނަވީންގެ ދަތުރުގައި އައްޑޫ ސިޓީގެ ޒޯން ސްޓޭޑިއަމްގެ ސަލާމަތީ ކަންކަމާއި ދަތުރުކުރާނެ މަގުތައް ކަނޑައެޅުމާއި މަގު ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި މަގުތައް ބަންދުކުރާނެ ގޮތްތަކާ ފަރިތަކުރުންތައް ކުރިއަށްދާ ދަނޑުތަކުގައި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބަލައި ކުރަންޖެހޭ ކަންކަމާމެދު ވެސް މަޝްވަރާކޮށްފައިވެ އެވެ.

ކުޅުންތެރި ތިބުމަށް ހަމަޖެހިފައިވާ ތަންތަނާއި ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވާ ދަނޑުތަކުގެ ސަލަމާތީ ކަންތައްތައްތަކާއި މުބާރާތުގެ އެހެނިހެން ސަލާމަތީ ކަންތައްތަކާ ބެހޭގޮތުން ވެސް ނަވީންގެ ދަތުރުގައި ވަނީ މަޝްވަރާ ކޮށްފަ އެވެ.

މީގެއިތުރުން މި މުބާރާތުގެ ކުޅުންތެރިންނާއި އޮފިޝަލުން ތިބުމަށް ހަމަޖެހިފައިވާ ހެރެތެރެ ރިސޯޓްގެ އިސް ފަރާތްތަކާ އެކުވެސް މިދަތުރުގައި ފުލުހުން މަޝްވަރާ ކޮށްފައި ވާކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މަޝްވަރާގެ ބައްދަލުވުންތަކުގެ އިތުރުން ވެސް އައްޑޫ ސިޓީ ހިތަދޫގެ ޒޯން ސްޓޭޑިއަމްއަށާއި ކުޅުންތެރިން ތިބުމަށް ހަމަޖެހިފައިވާ ހެރެތެރެ އައިލެންޑް ރިސޯޓާއި ޕްރެކްޓިސް ކުރުމަށް ހަމަޖެހިފައިވާ ދަނޑަށް ޒިޔާރަތްކޮށް އެތަނުގައި ހުރި ސަލަމާތީ ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތު ހޯއްދަވައި ސަލާމަތީ ގޮތުން އިތުރަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ ގޮތުންބަލަންޖެހޭ ކަންކަން ވެސް ބަލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މުބާރާތް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގެ ގްރޫޕްބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާ އިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސް އާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.

ކުރިއަރަމުން އަންނަ ގައުމުތަކަށް އިސްކަން ދީގެން އޭއެފްސީ އިން ބާއްވާ މުބާރާތް އެންމެ ފުރަތަމަ 2006ގައި ބޭއްވީ ބަންގްލަދޭޝްގަ އެވެ. އޭގެ ފަހުން 2008ގައި އިންޑިއާގައި 2010 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި އިރު 2012 ވަނަ އަހަރު ބޭއްވީ ނޭޕާލުގަ އެވެ.