13 Apr 2014, 18:54
ސިފައިންގެ އަހަރީ ބަޑި މުބާރާތުގެ އެންމެ މޮޅު ބަޑިޖެހުންތެރިޔާގެ މަގާމު ކޯޕްރަލް ނަޞްރުއް ސަލާހް ހޯދައިފި އެވެ.
ގިރިފުށީ ޓްރޭނިން ސެންޓަރުގައި ކުރިއަށްދިޔަ އެ މުބާރާތަކީ އަލްމަރްޙޫމް މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ކުރިއަށް ގެންދިޔަ މުބާރާތެކެވެ. އެ މުބާރާތުގައި ދެ ވަނަ ބަޑިޖެހުންތެރިއަކަށް ހޮވުނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް ފަހެއްގައި މަސައްކަތް ކުރާ ސާޖަންޓް މުހައްމަދު އަބްދުﷲ އެވެ. އަދި ތިންވަނަ ބަޑިޖެހުންތެރިއަކަށް ހޮވުނީ މާލޭ އޭރިއާ ހުޅުލޭ ޕޯސްޓްގައި މަސައްކަތް ކުރައްވާ ސްޓާފް ސާޖަންޓް މުހައްމަދު އަލީ އެވެ.
މިމުބާރާތް ނިންމުމުގެ ގޮތުން މިއަދު ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޑިފެންސް މިނިސްޓާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ. އަދި މުބާރާތް ނިންމުމުގެ ގޮތުން މުބާރާތުގެ އެންމެ މޮޅު 10 ބަޑިޖެހުންތެރިން ބަޑިޖަހާފައި ވާއިރު، އެ 10 ބައިވެރިންގެ ޓާގެޓްގައި މިނިސްޓަރު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނަރަލް އަހުމަދު މުހައްމަދު ވަނީ ސޮއިކޮށްދެއްވާފަ އެވެ.
ދެ ގިންތިއަކަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ގިންތި އެކެއްގެ އެއް ވަނަ ވަނަ ޓީމަކަށް ހޮވުނީ އެމްއެންޑީއެފް މާލޭ އޭރިއާގެ ހުޅުލޭ ޕޯސްޓެވެ. ގިންތި ދޭއްގެ އެއް ވަނަ ޓީމަކަށް ހޮވުނީ ސްޕެޝަލް ޕްރޮޓަކްޝަން ގްރޫޕް (އެސްޕީޖީ) އެވެ.
މިދިޔަ މަހުގެ 31 ވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ އިންޑިވިޖުއަލް ކެޓެގަރީގައި ޖުމްލަ 28 ޔުނިޓުން ޖުމްލައި 645 ސިފައިން ބައިވެރިވެފައިވާ އިރު ޓީމް އިވެންޓްގައި 27 ޔުނިޓަކިން ބައިވެރިވެފައިވެފައިވެ އެވެ.
ސިފައިންގެ އަހަރީ ބަޑި މުބާރާތަކީ މޭޖާ އިނގިރޭސި އުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ކޮންމެ އަހަރަކު އެއްފަހަރު އެމްއެންޑީއެފްގެ ޔުނިޓުތަކުގެ މެދުގައި ކުރިއަށް ގެންދެވޭ މުބާރާތެކެވެ. އަލްމަރްޙޫމް މޭޖާ އިނގިރޭސި އުމަރު މަނިކަކީ ސިފައިންގޭގައި ހަތިޔާރާ ބެހޭ ކަންކަމުގައި އިސްކޮށް މަސައްކަތްކުރެއްވި ބޭފުޅެކެވެ.