13 Apr 2014, 17:21
ދެ ގާނޫނަކަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސް ކުރި ދެ ބިލަކާއި މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މިއަދު ތަސްދީގު ކުރެއްވި ބިލުތަކަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އެއްވަނަ އިސްލާހު ގެނައުމުގެ ބިލެވެ.
މަނީ ލޯންޑްރިންގެ ބިލަކީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ބިލެކެވެ. އެ ބިލުގެ ދަށުން ޓެރަރިޒަމަށް ފައިނޭންސްކޮށްފިނަމަ އެކަމުގެ ކުށްތައް ހުއްޓުވުމުގެ ސިޔާސަތުތައް ކަނޑައަޅައި އެކަށައަޅައިފައިވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން މިއަދު ވަނީ މަޖިލީހުގައި ހަތް އަހަރު ދުވަހުގެ މަސައްތުން މަޖިލީހުން ފާސް ކުރި ގާނޫނުލް އުގޫބާތު ތަސްދީގު ކުރައްވާފަ އެވެ. މިއަދު އާ ގާނޫނުލް އުގޫބާތު ތަސްދީގު ކުރިއިރު، މިހާރު އަމަލު ކުރަމުންދަނީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި އެކަލަވާލި ބައި ގަރުނު ވެފައިވާ ގާނޫނުލް އުގޫބާތެވެ.