މި މަހުގެ އެއް ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކުރި ގާނޫނުލް ޢުގޫބާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ތަސްދީގު ކުރައްވައިފި އެވެ. އެ ބިލް ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވައިފި އެވެ. މި ޤާނޫނަކީ، ޖިނާއީ ކުށްކުށާއި އެ ކުށްކުށުގެ ޒިންމާ އުފުލުމުގެ މިންގަނޑާއި އެ ކުށްކުށް ސާބިތުކޮށްދިނުމުގެ ރުކުންތަކާއި އެ ކުށްކުށުގެ ޢުޤޫބާތާއި ކުށްކުށާއި ޢުޤޫބާތް ދަރަޖަ ކުރެވިގެންވާ ގޮތާއި ކުށުގެ ދިފާޢުގެ ގޮތުގައި ބޭނުންކުރެވޭނެ ކަންތައްތަކާއި، އަދަބު ކަނޑައެޅުމުގެ އުޞޫލާއި، އަދަބު ކަނޑައެޅުމުގެ މިންގަނޑު ކަނޑައަޅައި، އެކަންކަމާބެހޭ އެންމެހައި އުޞޫލުތައް ބަޔާންކުރާ ގާނޫނެވެ. ޤާނޫނުލްޢުޤޫބާތުގެ ބިލުގައި، އިޞްލާޙު ކުރަންޖެހޭ ގިނަ ކަންކަން ހުރިކަން، ބަންޑާރަ ނައިބު ވަނީ ފާހަގަކުރައްވާފަ އެވެ. އެހެން ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ ތަޞްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާތާ 12 މަސް ހަމަވާ ދުވަހުން ފެށިގެން ކަމަށްވުމާ އެކު، މި ދެ މެދު ލިބޭ އެއް އަހަރު ދުވަހުގެ ތެރޭގައި، ގާނޫނަށް ގެނެވޭ އިޞްލާޙެއްގެ ޛަރީޢާއިން އެކަންކަން ޙައްލުކުރެވިދާނެ ކަމަށް ބަންޑާރަ ނައިބުގެ ލަފާފުޅު ލިބިވަޑައިގެންފައި ވާތީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު މިއަދު ތަޞްދީގު ކުރެއްވީ އެވެ.