13 Apr 2014, 15:13
އަންނަ މަހުގެ 28 ގައި ފަށާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވާނެ ކަމަށް ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ނައިބު ރައީސްގެ މަގާމަށް ރިޔާޒު ޝައުގުވެރިކަން ފާޅުކުރެއްވި އިރު، އެ މަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ މަސީހު ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.
ރިޔާޒު "ސަން"އަށް މިއަދު ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވައި ބޮޑު ތަފާތަކުން ކާމިޔާބު ހޯއްދަވާނެ ކަމަށެވެ. އާ މަޖިލީހަށް ޕީޕީއެމް ޓިކެޓުގައި ވިލުފުށީ ގޮނޑި އަށް އިންތިހާބުވެފައިވާ މެމްބަރަކަށް ވުމުން، ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ވޯޓު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އަންނަ މަހުގެ 28 ވަނަ ދުވަހު ބާއްވާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހަޅުއްވާނެ ކަމަށާއި އެދުވަހު "ހޮވޭނެކަން ނުހޮވޭނެކަން އެނގިގެންދާނެ" ކަމަށެވެ.
"އަޅުގަނޑު މަޖިލީހުގެ ނައިބު ރައީސަކަށް ހޮއްވިއްޖެ ނަމަ މަޖިލީހަކީ ބޭނުންހާ ގޮތަކަށް އަމަލު ކުރާ ތަނަކަށް ނަހަދާނަން. ބޭނުންވީމާ މަޖިލީހުގެ ގަވާއިދަށް އަމަލުކޮށްފައި، ބޭނުން ނުވީމާ މަޖިލީހުގެ ގަވާއިދަށް އެއްކައިރި ކުރާ މީހަކަށް އަޅުގަނޑު ނުވާނަން،" ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ތ. އަތޮޅު މެމްބަރުކަން ވެސް ކުރެއްވި ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒު "ސަން"އަށް ދެއްވި އިންޓަވިއުގައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެ ވާހަކަފުޅު ދެއްކެވި އެވެ. ރިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި އެމްޑީޕީގެ މުޒާހަރާގެ އިސް ސަފުގައި ތިބި މީހުންނަށް މަޖިލީހުގެ ސެކިއުރިޓީންނަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެމްޑީޕީ އަށް ފައިދާވާ ގޮތަށް މަޖިލީހުގެ އެތެރެއިން ކަންތައްތައް ފަހިކޮށްދެމުންދާ ކަމަށް ރިޔާޒު ތުހުމަތު ކުރެއްވި އެވެ.
މަޖިލީހުގެ ރައީސްގެ މަގާމުގައި ނައިބު ރައީސްގެ މަގާމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ޝައުގުވެރިކަން ފާޅު ކުރަމުންދާ އިރު، ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ހިއްސާ އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ) ލީޑަރު ގާސިމް އިބްރާހިމް ވެސް ވަނީ މަޖިލީހުގެ ރައީސްގެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފަ އެވެ.
ނަމަވެސް ގާސިމަށް މަޖިލީހުގެ ރައީސް މާގާމް ދޭން "އެއްވެސް އެއްބަސްވުމެއް، އަހުދެއް ވެފައި ނުވާނެ ކަމަށް" ޕީޕީއެމްގެ ނައިބު ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވިދާޅުވެފަ އެވެ.