13 Apr 2014, 14:55
ރައްޔިތުންގެ މަޖިލީހުގެ ތިން ދާއިރާއެއްގެ އިންތިޚާބު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހެޅި މައްސަލަތައް ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފި އެވެ.
ހައިކޯޓުން ބުނީ މަހިބަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ހުށަހެޅި މައްސަލައާއި މީދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޖިހާދު ހުށަހެޅުއްވި މައްސަލައިގެ އިތުރުން ފޭދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނިހާދު ހުށަހެޅުއްވި މައްސަލަ ބަލައި ނުގަތުމަށް ނިންމާފައިވާކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ހައިކޯޓުން ނުބުނެ އެވެ.
ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ތާވަލްކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފެލިދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ތާރިގު ޒުހައިރު ހުށަހެޅުއްވި މައްސަލަ އާއި ކާށިދޫ ދާއިރާގެ އިންތިޚާބު ބަތިލްކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ޖާބިރު ހުށަހެޅުއްވި މައްސަލައިގެ އިތުރުން ގެމަނަފުށީ ދާއިރާ އާއި އިސްދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ އެވެ.
ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް ޝަރީއަތް ފެށި މައްސަލަތަކުގެ ތެރޭގައި ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް އައްބާސް މުހައްމަދު ހުށަހެޅުއްވި މައްސަލައާއި ހިތަދޫ މެދު ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމްގެ ކެންޑިޑޭޓް ހިޔަލީ މުހައްމަދު ރަޝީދު ހުށަހެޅުއްވި މައްސަލަ ހިމެނެ އެވެ.
އެ ދާއިރާތަކުގެ އިތުރުން ތިމަރަފުށީ ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމްގެ ކެންޑިޑޭޓް އަހްމަދު ޝަރީފް ހުށަހެޅުއްވި މައްސަލައިގެ އިތުރުން ނޮޅިވަރަމް ދާއިރާގެ އިންތިޚާބުގެ މާލޭ ފޮށީގެ ނަތީޖާ ބާތިލް ކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް އަލީ އާރިފް ހުށަހެޅުއްވި މައްސަލައިގެ އިތުރުން ހިތަދޫ އުތުރު ދާއިރާގެ އިންތިޚާބު ބާތިލް ކުރުމަށް ޕީޕީއެމްގެ ކެންޑިޑޭޓް އަލީ އިބްރާހީމް ހުށަހެޅުއްވި މައްސަލައިގެ ޝަރީއަތް ވެސް ވަނީ ފަށައިފަ އެވެ. އަދި ކުރެންދޫ ދާއިރާ އާއި ނައިފަރު ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ޖުމްހޫރީ ޕާޓީން ހުށަހެޅި މައްސަލަ ވެސް ވަނީ ތާވަލް ކޮށްފަ އެވެ.