13 Apr 2014, 14:45
ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ފުރާވަޑައިގެންފި އެވެ.
ޖަޕާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންވުމަށް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވި އިރު އެމަނިކުފާނަށް އަލްވަދާއު ވިދާޅުވާން ވަޒީރުން ވަޑައިގެން ތިއްބެވި އެވެ.
ރައީސްގެ ދަތުރުފުޅާ ބެހޭ ތަފުސީލު ރައީސް އޮފީހުން ކުރިން ވަނީ ދީފަ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް އޭރު ވިދާޅުވެފައި ވަނީ އެދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޖަޕާނުގެ އެމްޕަރާ އަކިހީޓޯ އާއި ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި ޖަޕާނު ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
"ސަރުކާރުގެ އިސްވެރިން ޖަޕާނު ސަރުކާރުގެ އިސްވެރިންނާ ވާހަކަ ދެކެވި ދެ ގައުމުގެ ދޭތެރޭ އޮތް ގުޅުން ބަދަހިކުރެވިގެންދާނެ،" މުއާޒް އޭރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ އެ ދަތުރުފުޅުގައި ޖަޕާންގެ އިގްތިސާދީ ބޭފުޅުންނާއި ރައީސް ބައްދަލުކުރައްވައި ރާއްޖޭގައި ހުރި އިންވެސްޓްމަންޓްތަކުގެ މައުލޫމާތު ދެއްވާނެ ކަމަށެވެ.
ރައީސް އޮފީހުން ބުނީ މީގެ ކުރިން ޖަޕާން ސަރުކާރުގެ ރަސްމީ ދަޢުވަތަކަށް، ރާއްޖޭގެ ރައީސަކު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް، ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ތިން ފަހަރެއްގެ މަތިން ޖަޕާނަށް ޒިޔާރަތް ކުރައްވައިފައި ކަމަށެވެ.