އިންޑިއާގެ އާންމު އިންތިހާބުގެ ވޯޓުލުން އެގައުމުގައި ކުރިއަށްދާއިރު، އިރުމަތީ ސްޓޭޓެއް ކަމަށްވާ ޗަތިސްގަރުގައި ދިން ބޮމުގެ ދެ ހަމަލާއެއްގައި 12 މީހުން މަރުވެފައި ވާކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ފުލހުންނާ ހަވާލާދީ، ބީބީސީގައި ބުނެފައި ވަނީ، މާއޮއިސްޓުންގެ ބާޣީ ޖަމާއަތަކުން ދިން ކަމަށް ބެލެވޭ، އެ ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ ދީފައިވަނީ، ބިޖާޕޫރު އަވަށުގައި އިންތިޚާބީ އޮފިޝަލުން ގޮވައިގެން ދަތުރުކުރި ބަހެއް ގޮއްވާލައިގެން ކަމަށެވެ. އެ ހަމަލާގައި ހަތް މީހުން ވަނީ މަރުވެފަ އެވެ. ގުދުމާއާއި ކުތުރޫ އާ ދެމެދުގައި ދަތުރުކުރަމުން ދިޔަ އެ ބަހަށް ހަމަލާ ދީފައި ވަނީ، ލޭންޑް މައިނެއް ގޮއްވާލައިގެންނެވެ. އެ ހަމަލާގައި ހަތަރު މީހަކު ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށް ވެސް އޮފިޝަލުން މައުލޫމާތުދެ އެވެ.

ފުރަތަމަ ހަމަލާ ދިންތާ ބައިގަޑި އިރު ފަހުން، ދެވަނަ ހަމަލާ ދީފައި ވަނީ، ބަސްތާރު އަވަށުގައި ދަތުރުކުރަމުން ދިޔަ އެމްބިއުލެންސް އަކަށަވެ. އެ ހަމަލާގައި އެމްބިއުލެންސްގައި ތިބި ފަސް ފުލުހުން މަރުވެފައިވާ ކަމަށް ވެސް އިންޑިއާގެ ފުލުހުންނާ ހަވާލާދީ ބީބީސީގައިވެ އެވެ.

ކަމަނާރު ވިލެޖުގައި ވެސް އެމްބިއުލެންސަށް އަމާޒުކޮށްގެން ދިން ހަމަލާތަކެއްގައި އެތައް ބަޔަކަށް އެކިވަރުވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފަވެ އެވެ.

ފަސް ހަފްތާއަށް ދެމިގެންދާ އިންޑިއާގެ އާންމު އިންތިހާބުގައި ވޯޓުލާން ފަށާފައި ވަނީ، ހޯމަ ދުވަހު އެވެ.

ހަރުކަށި އުސޫލުތަކެއް ގެންގުޅޭ މާއޮއިސްޓުންގެ ހަނގުރާމަވެރި ޖަމާއަތްތަކުން އިންޑިއާގެ ވާދީތަކުގައި ދެމުންގެންދާ ހަމަލާތަކަކީ މީގެ އެތަކެއް އަހަރުތަކެއް ކުރިންފެށިގެން އެ ސަރަހައްދުގެ ގެދޮރު ނެތް ދަނޑުވެރިނަށް ގެދޮރު ހޯދައިދީ އިގްތިސާދީ އަދި އިޖުތިމާއީ ހައްގުތައް ހޯދައިދިނުމަށް ކަމަށް ބުނެ މާއޯއިސްޓުން ކުރަމުންގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ދެމުން ގެންދާ ހަމަލާތަކެކެވެ.

އިންޑިއާގެ ހުރިހާ ސްޓޭޓްތަކެއްގައި ވެސް އިންތިހާބު ކުރައަށްދާއިރު، އެންމެ ބާރުބޮޑުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެދުވަހު އެތައް މިލިޔަން މީހުންނެއް ވޯޓުލުމުގައި ވަނީ ބައިވެރިވެފަ އެވެ.

ނުވަ މަރްހަލާއަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ އިންޑިޔާގެ އާންމު އިންތިޚާބުގެ އެންމެ ފަހު މަރްހަލާގައި ވޯޓުލުން އޮންނާނީ މެއި މަހުގެ 12 ވަނަ ދުވަހު ކަމަށް އިންޑިޔާގެ އިންތިޚާބުތަކާބެހޭ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އިންޑިޔާގެ އާންމު އިންތިޚާބުގައި، ވެރިކަންކުރާ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ރާހޫލް ގާންދީއާ ވާދަކުރައްވަނީ، އިދިކޮޅު ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ކެންޑިޑޭޓް، ނަރަންދުރަ މޯދީ އެވެ.

އިންޑިޔާގެ ޕާލަމެންޓް ކަމަށްވާ ލޮކްސޮބާގެ 543 ގޮނޑިއަށް މެންބަރުން އިންތިޚާބު ކުރަންޖެހޭއިރު ވޯޓު ދިނުމުގެ ހައްގު 814 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ލިބިފައިވެ އެވެ.