ދުނިޔޭގެ ވަރުގަދަ އިލެކްޓްރޯނިކް ކޮމާސް ކުންފުންޏެއް ކަމަށްވާ އެމަޒަން އިން ތްރީޑީ ޑިސްޕްލޭއަކާ އެކު ސްމާޓް ފޯނެއް ތައާރަފް ކުރަން އުޅޭ ކަމަށް، އެމެރިކާގެ މަޝްހޫރު ވޯލްސްޓްރީޓް ޖާނަލް އިން ބުނެފި އެވެ.

އެމަޒަންގެ އައު ފޯނުގެ އެންމެ ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ވަނީ، އައިނެއް ނުވަތަ ލޮލުގައި އަޅާ އެހެންވެސް އެއްޗެއްގެ އެހީއާ ނުލައި، ތްރީޑީ ފޮޓޯ އަދި ވީޑިއޯ ބަލާލުމުގެ ގާބިލުކަން ފޯނުގައި ހުރުމެވެ. ތްރީޑީފީޗާ ފޯނަށް ލިބެނީއޭގެ ކުރިމަތީގައި ހުންނަ 4 ކެމެރާއެއް ނުވަތަ ސެންސަރ އެއްގެ އެހީގައެވެ. މި ކެމެރާ ތަކުގެ ސަބަބުން ފޯނާ ދިމާލަށް ބަލަން ހުންނަ މީހާގެ ނަޒަރު ހުރި ދިމާ މި ފޯނުން ދެނެގަނެ،ޓްރެކް ކުރެއެވެ.

މި ޓެކްނޮލޮޖީގެ އެހީގައި ފޯނު ހިފަހައްޓައިގެން ހުންނަ މީހާގެ މޫނާ ކައިރިއަށް ފޯނު ގެންނަ މިންވަރަކަށް، ފޯނުގައި ފެންނަން ހުންނަ ތްރީޑީ ވީޑީއޯވެސް އޮޓަމެޓިކުން ޒޫމްއިން ވެ، ޒޫމް އައުޓް ވަމުން ދާނެއެވެ. އަދި ކިޔަމުންދާ ލިޔުމެއް ނުވަތަ ފޮޓޮއެއްވެސް މިގޮތަށް އޮޓަމެޓިކުން ޒޫމް ކޮށްލެވޭނެއެވެ. މި ފީޗާ އަކީ ފޯނުން ގޭމް ކުޅުމުގައި އައު އެކްސްޕީރިއަންސްއެއް ގެނެސްދެވިދާނެކަމެއް ކަމަށް ވޯލް ސްޓްރީޓް ޖާނަލްގައި ވަނީ ސިފަކޮށްފައެވެ.

އަންނަ ޖޫން މަހު އިއުލާނުކުރަން ރާވައި، އަންނަ ސެޕްޓެމްބަރ މަހު ބާޒާރަށް ނެރެން ހަމަޖެހިފައިވާ މި ފޯނުގެ ވާހަކަތައް އެމަޒަން އިން ވަނީ ސިއްރުކޮށްފައެވެ. ނަމަވެސް ދާދި ފަހުން ޑިވެލަޕަރުންނަށް މި ފޯނު ދައްކާލާފައި ވާ ކަމަށް “ތަފްސީލުތައް ދަންނަ ބަޔަކާ” ހަވާލާދީ ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ބުނެފައެވެ. ޑިވެލޮޕަރުންނަށް ފޯނު ދައްކާލާފައި ވަނީ އެމެރިކާގެ ސެންފްރަންސިސްކޯ އަދި ސިއޭޓްލްގައި ވާ ހޮޓެލްރޫމް ތަކެއްގައި ކަމަށް ވެއެވެ. އަދި ފޯނު ދައްކާލި ވަގުތު ހޮޓަލުގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކޮށްފައިވާ ކަމަށްވެސް ވޯލްސްޓްރީޓް ޖާނަލް އިން ހާމަކުރެއެވެ.

އެމަޒަން އިން ފުރަތަމަ ޝިޕްމަންޓްގައި ބާޒާރަށް ނެރެން ހަމަޖައްސާފައި ވަނީ 600،000 ފޯނެވެ. ނަމަވެސް ވިއްކަން ފަށާނެ އަގާއި، އަދި ފޯނުގެ ފަރުމާއާ ބެހޭ ތަފްސީލު ތައް އެމަޒަން އިން ވަނީ ސިއްރުކޮށްފައެވެ.

އެމަޒަންގެ އެންމެ ފަހުގެ އީ-ރީޑަރ ޓެބްލެޓް، އެމެޒަން ކިންޑްލް ފަޔަރ އުފައްދާފައި ވަނީ އެ ކުންފުނީގެ އަމިއްލަ ތަކެތީގައި، އަމިއްލަ ހާޑްވެއާގައެވެ. އެހެން ކަމުން އެމަޒަންގެ އައު ސްމާޓްފޯން ވެސް އުފައްދާނީ އެ ކުންފުނީގެ އަމިއްލަ ހާޑްވެއާގައި ކަމަށް ވަނީ ބެލެވިފައެވެ. ނަމަވެސް އެމަޒަންގެ ސީއީއޯ ޖެފް ބެއިޒޯސް ބުނިގޮތުގައި އެހެން ބޮޑެތި ކުންފުނިތަކާ ހިލާފަށް އެމެޒަން އިން ފޯނު ވިއްކައިގެން މާ ބޮޑު ފައިދާތަކެއް ހޯދާކަށް މަސައްކަތެއް ނުކުރާނެއެވެ. އޭގެ ބަދަލުގައި، އެމަޒަން އިން ސަމާލުކަން ދޭނީ ފޯނު މެދުވެރިކޮށް އެ ކުންފުނީގެ އެހެނިހެން ހިދުމަތްތައް ވިއްކުމަށްކަމަށް ޖެފް ބެއިޒޯސް ބުންޏެވެ.

އެމަޒަންގެ އައު ފޯނާއެކު އެ ކުންފުނިން ވަންނަން ގަސްތުކުރަނީ ވަރަށް ވާދަވެރި ބާޒާރަކަށެވެ. ދުނިޔޭގެ ސްމާޓްފޯން ބާޒާރުގެ 49 އިން ސައްތަ ކޮންޓްރޯލް ކުރަނީ އެޕަލް އަދި ސެމްސަންގުން ކަމަށް ވާއިރު، ބްލެކް ބެރީ އަދި މޮޓޮރޯލާ ފަދަ ބޮޑެތި ކުންފުނިތަށް ވަނީ އަޑި އަޅާލާ ބަނގުރޫޓުވާން ކައިރިވެފައެވެ. އެހެންކަމުން، މި ވާދަވެރި ސްމާޓްފޯންގެ ބާޒާރަށް އަލަށް ނުކުންނަ އެމަޒަން އަށް ހިފަހައްޓާލެވޭނެ ކަމާ މެދު މާހިރުން ދަނީ ސުވާލު ކުރަމުންނެވެ.