13 Apr 2014, 13:36
މާލެ ތޮއްޖެހުމާ އެކު ހުޅުމާލެ ވެގެންގޮސްފައި ވަނީ ގިނަ ދިވެހިން ދިރިއުޅުން ބަދަލުކުރި ރަށަކަށެވެ. ހަމައެއާ އެކު މިހާރު އެ ރަށް ވެފައި ވަނީ ގިނަ ގެސްޓްހައުސްތަކެއް ވެސް ހިންގާ ރަށަކަށެވެ. ހުޅުމާލެ ގޮނޑުދޮށް މިހާރު ވެފައި ވަނީ ގިނަ ދިވެހިންނާއި ބިދޭސީން ހިތްގައިމުކޮށްލާ މަންޒިލަކަށެވެ. ނަމަވެސް އެ ގޮނޑުދޮށުގައި މިހާރު ވަނީ މައިންނާއި ދަރިންނަށް ނުދެވޭވަރުގެ ތަނަކަށް ވެފަ އެވެ. އެއީ "ބިކިނީ"ގައި އުޅޭ ޓޫރިސްޓުން ގިނަވުމެވެ.
"ވަރަށް ބޮޑު މައްސަލައެއް ބިކިނީގައުޅުމަކީ، އަހަރެމެން ދަރިން ގޮވައިގެން މޫދަށް އަންނަ އިރު ޓޫރިސްޓުން ތިބެނީ ބިކިނީގައި ނިދާފައި ނޫނީ ހިނގަހިނގާ" ހުޅުމާލޭ ގޮނޑުދޮށުގައި ބިކިނީގައި އުޅޭ މައްސަލަ ސަން އަށް ހިއްސާ ކުރި މުހައްމަދު ހަސަން ކިޔާ މީހަކު ބުންޏެވެ.
ސަންގެ ނޫސްވެރިން ބެލި އިރު ހުޅުމާލެ އިރުމަތީ ފަރާތުގެ ގޮނޑުދޮށުގައި "ބިކިނީގައި" ޓޫރިސްޓުން ހަރަކާތްތެރިވާ މަންޒަރު ފެނުނެވެ. އަދި އެ ސަރަހައްދުގައި އެކި އުމުރުފުރައިގެ ގިނަ ދިވެހިން ވެސް މޫދަށް އެރި ހަރަކާތްތެރިވެ އެވެ.
ސަން އަށް ފާހަގަވެފައިވާ ގޮތުގައި ބިކިނީގައި އުޅޭ ޓޫރިސްޓުން ނަކީ ހުޅުމާލޭ ގެސްޓްހައުސްތަކުގައި އުޅޭ ޓޫރިސްޓުންނެވެ.
އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ އެފަދަ މައްސަލަތަކުގައި އެޗްޑީސީގެ ފަރާތުން ހުޅުމާލޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާއި މިއަދު ވެސް މަޝްވަރާކޮށް "ބިކިނީ"ގައި އުޅުން މަނާކަން އަންގާފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް "ބިކިނީ"ގައި އުޅުން މަނާކަން އަންގައިދޭ ބޯޑްތައް ހަރުކުރެވިގެންދާނެ ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލެ ގޮނޑުދޮށުގައި "ބިކިނީގައި" އުޅޭ މައްސަލަ ފުލުހުންނަށް ވަރަށް ގިނައިން ހުށައަޅަމުންދާ ކަމަށެވެ. އަދި އެފަދަ މައްސަލަތައް ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވާ އިރު ގެސްޓްހައުސް ހިންގާ ފަރާތްތަކާ ވާހަކަ ދެކެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.