ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)ގެ މެންބަރު ކަމަށް އަލްއުސްތާޒާ އާއިމިނަތު ރުކްޝާނާ އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރުކްޝާނާ ޕީއައިސީގެ މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގަ އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށް މެމްބަރަކު އައްޔަން ކުރަނީ އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ކުރިން ހުންނެވި ޝަހިންދާ އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވެފައިވާ މަގާމަށް މެމްބަރަކު އައްޔަން ކުރުމަށެވެ. މިހާރު އެ ކޮމިޝަންގައި ތިއްބަވަނީ ހަތަރު މެމްބަރަކުންނެވެ.

ޕީއައިސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ޓަކައި ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާ ހޯއްދެވުމަށް ރުކްޝާނާގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އޭނާގެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުގެ ކުރިން ހަމަ އެމަގާމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނާގެ މަގާމުގައި ހުންނެވި މުހައްމަދު ރިޝްވާން ހަމަޖެއްސެވުމަށް، އޭނާގެ ނަން ވަނީ ރައްޔިތުންގެ މަޖިލީހަށް ވެސް ފޮނުއްވައިފަ އެވެ. އެހެން ނަމަވެސް ފަހުން ވަނީ އެ ނަން އަނބުރާ ގެންދަވާފަ އެވެ.

ޕީއައިސީގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރީއްޔާ ފޮނުއްވި ރުކްޝާނާއާ ކޮމެޓީން އިންޓަވިއު ކުރެއްވުމަށް ފަހު އެކަމަނާ އަށް މެންބަރުން ދެއްވާފައި ވަނީ 75 ޕަސެންޓް މާކްސް އެވެ. އެހެން ކަމުން ކޮމެޓީން ފާސްކޮށްފައި ވަނީ ރުކުޝާނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ.

"ޕޮލިސް އިންޓަގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވުމަސްޓަކައި ރައީސުލްޖުމްހޫރީއްޔާ ރައްޔިތުންގެ މަޖިލީހުގެ މަޝްވާ ހޯއްދެވުމަށް ފޮނުއްވާފައިވާ އަލްއުސްތާޒާ ޢައިމިނަތު ރުކްޝާނާއާ ކޮމެޓީން އިންޓަވިއު ކުރުމަށް ފަހު ކޮމެޓީގެ މެންބަރުން މާކްސް ދެއްވުމުން އެކަމަނާ އަށް 75 ޕަސެންޓް އަށް ވުރެ މަތިން މާކްސް ލިބިވަޑައިގެންފައި ވާތީ އެކަމަނާއަކީ އެ މަގާމަށް އައްޔަން ކުރުމަށް އެކަށީގެންވާ ބޭފުޅެއް ކަމަށް ކޮމެޓީން ނިންމެވި އެވެ." ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ރިޕޯޓްގައި ބުނެފައިވެ އެވެ.

ރުކްޝާނާ ޕީއައިސީގެ މެންބަރު ކަމަށް އައްޔަން ކުރުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމާނީ މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.