13 Apr 2014, 13:01
ހަތަރު ވަނަ އިންޓަ އޮފީސް ކެރަމް މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަަމަށް ކެރަމް އެސޯސިއޭޝަނުން ބުނެފި އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، އަންނަ މަހުގެ އަށް ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރި ވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.
އޮފިސް/ކުންފުނިތަކުގެ މެދުގައި އަހަރަކަށް ވުރެ އަހަރެއް ފޯރިގަދަވެ ވާދަވެރިކަން ބޮޑުވަމުން އަންނަ މިމުބާރާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޓީމް އިވެންޓު، އޯޕަން ސިންގަލްސް އިވެންޓު، ފިރިހެން ސިންގަލް، އަންހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި އަންހެން ޑަބަލްސް އިވެންޓެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ފިރިހެން ޓީމް ޗެމްޕިއަންކަން ހޯދާފައިވަނީ އެމްއެންޑީއެފް އެވެ. އަދި އަންހެން ޓީމް ޗެމްޕިއަންކަން ހޯދާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް އެވެ. ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އެމްބީސީގެ އަބުދުﷲ ލަބީދެވެ. އަދި އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާރވިސްގެ އައިމިނަތު ހަލީމް (ދިލް) އެވެ. އޯޕަން ސިންގަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އެމްބީސީގެ އިސްމާއީލް އަޒުމީން އެެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައި ވަނީ އެމްއެންޑީއެފްގެ އިސްމާއީލް ސަލީމާއި އަހުމަދު ފާއިޒުގެ ޕެއައެވެ. އަންހެން ޑަބަލްސް ޗެމްޕިއަންކަން ހޯދާފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އައިމިނަތު ހަލީމް އަދި މަރިޔަމް ހުދުނާގެ ޕެއާ އެވެ.