13 Apr 2014, 12:58
"އަލްޓިމޭޓް ގޯލް" ވެބްސައިޓުން ހޮވި ސައުތު އޭޝިއާގެ އެންމެ މޮޅު ދިހަ ފުޓްބޯޅަ ކުޅުންތެރިންގެ އެއްވަނަ ކުޅުންތެރިއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ގައުމީ ޓީމު ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހޮވިއްޖެ އެވެ.
ސައުތު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ މަގާމަށް ދަގަނޑޭ ހޮވުނީ މި ސީޒަނުގައި މެލޭޝިއާގެ ޕޮލިސް ޑި ރާޖާ (ޕީޑީއާރުއެމް) އަދި ގައުމީ ޓީމަށް އޭނާ ދެއްކި ކުޅުމަށް ބަލައިފަ އެވެ. އެ ވެބްސައިޓުން ދަގަނޑޭ ފާހަގަކޮށްފައި ވަނީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ދަގަނޑޭ ވަނީ މިސީޒަނުގެ މެލޭޝިއާ ޕްރިމިއާ ލީގުގައި ދެ ހެޓްރިކް ކާމިޔާބުކޮށްފަ އެވެ. ޕީޑީއާރުއެމް އަށް ދަނގަޑޭ ކުޅުނު 14 މެޗުން 13 ލަނޑު ކާމިޔާބުކޮށްފައި ވާއިރު، ގައުމީ ޓީމަށް ކުޅުނު 54 މެޗުން އޭނާ ވަނީ 38 ލަނޑު ކާމިޔާބުކޮށްފަ އެވެ.
ސައުތު އޭޝިއާގެ އެންމެ މޮޅު ދިހަ ކުޅުންތެރިންގެ ލިސްޓްގެ ދެވަނައިގައި އޮތީ އަފްގާނިސްތާނު ގައުމީ ޓީމުގެ ގޯލްކީޕަރު މަންސޫރު ފަގިރިޔާރު އެވެ. މިދިޔަ އަހަރު ނޭޕާލްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕު އަފްގާނިސްތާނަށް ހޯދައިދިނުމުގައި ފަގިރިޔާރު އިސް ދައުރެއް އަދާކޮށްފައި ވެއެވެ.
ލިސްޓްގެ ތިންވަނައިގައި އޮތީ ނޭޕާލުގެ ބިމާލް ގަރުތީ މަގަރު އެވެ. ސައުތު އޭޝިއާގެ ނޭމާގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ބިމާލް އަކީ ނޭޕާލް ގައުމީ ޓީމަށް ބައިނަލްއަގްވާމީ ގޯލެއް ކާމިޔާބުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.
ލިސްޓުގެ ހަތަރުވަނައިގައި އޮތީ އިންޑިއާ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ސުނިލް ޗެތުރީ އެވެ. އިންޑިއާ ގައުމީ ޓީމުގެ ކެޕްޓަން ޗެތުރީ އެ ޓީމަށް ކުޅުނު 75 މެޗުން 45 ލަނޑު ކާމިޔާބުކޮށްފައި ވެއެވެ.
ފަސްވަނައިގައި ޕާކިސްތާނު ޑިފެންޑަރު ޒޭޝް ރަހްމާނު އޮތްއިރު، ހަވަނައިގައި އޮތީ އަފްގާނިސްތާނު ފޯވަޑް ބަލާލް އަރެޒޫ އެވެ. ނޭޕާލްގެ ރޯހިތު ޗާންދު ލިސްޓުގައި ހަތްވަނައިގައި އޮތް އިރު، އަށްވަނައިގައި އޮތީ އިންޑިއާ ގޯލްކީޕަރު ސުބްރަތާ ޕަލް އެވެ. ލިސްޓުގެ ނުވަވަނައިގައި ބަންގްލަދޭޝް ފުޓްބޯޅަ ތަރި ޖަމާލު ބުޔާން އޮތްއިރު، ދިހަވަނައިގައި އޮތީ އަފްގާނިސްތާނު ފޯވަޑް ސަންދުޖަރު އަހުމަދީ އެވެ.