25 Dec 2010, 12:45
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ތަރުތީބުކުރުމަށް ބޭއްވި ގުރުއަތުލުން ނިންމާލައި، ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ވޯޓު ކަރުދާހުގައި އޮންނަ ތަރުތީބު ކަނޑައެޅުމަށް ބޭއްވި ގުރުއަތުލުން މިއަދު ހަވީރު ގާތްގަނޑަކަށް ހަތަރެއް ޖެހިއިރު ހުރިހާ ރަށެއްގައި ނިންމާލާފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި އުފައްދާ ސިޓީ ކައުންސިލުގެ 11 ގޮނޑިއަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމުގެ ގުރުއަތުލުން ކުރިއަށްގެންދިޔައީ މިއަދު ޕޯސްޓް ބިލްޑިންގްގައި ކަމަށާއި އަދި އަތޮޅުތަކުގެ ތެރޭގައި ގުރުއަތުލުން ބާއްވައިފައި ވަނީ އެތަންތަނުގައި އުފައްދާފައިވާ އިލެކްޝަންސް ކޮމިޓީތަކުން ކަނޑައެޅި މަރުކަޒުތަކުގައި ކަމަށެވެ.
ފުއާދު ވިދާޅުވީ، މިއަދު ގުރުއަތުލުން ބާއްވާފައިނުވަނީ، މ. އަތޮޅުގެ ކައުންސިލަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ކަމަށާއި އެއީ ހައި ކޯޓުން އެ ދާއިރާގެ ގުރުއަތުލުން ފަސްކުރުމަށް ކޯޓު އަމުރު ނެރުމާ ގުޅިގެން ކަމަށެވެ.
ނަމަވެސް، އެހެން ހުރިހާ ދާއިރާތަކެއްގައި ވަރަށް "އޮމާންކަމާ އެކު" އެއްވެސް މައްސަލައެއް ނުޖެހި ގުރުއަތުލުން ނިންމައި، ކެންޑިޑޭޓުންގެ ނަންތައް އިއުލާންކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.