ފަސް އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން ފިލި ބައްޕައެއް ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ހއ. ފިއްލަދޫ، ހުދުފަޅު، ހުސައިން ތަހުސީން ކަމަށެވެ.
އޭނާ ކުޑަ އަންހެން ދަރިފުޅު ގޮވައިގެން ފިލައިފައި ވާކަން އެނގުނީ، ފިހާރައަކަށް ގޮސް އަންނާނެ ކަމަށް ބުނެ އަނބުރައި ގެއަށް ނައުމުން ނެވެ.

ފުލުހުން ބުނީ ތަހުސީން ހޯދަން ފަށާފައިވަނީ ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށް ކަމަށާއި ނަމަވެސް އޭނާ އުޅޭ ވަކިތަނެއް މިހާތަނަށް ހޯދިފައިނުވާ ކަމަށެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ އަމުރުގައި ވަނީ، ފަސް އަހަރުގެ އަންހެން ދަރިފުޅު މައިންބަފައިންގެ މެދުގައި ހިނގާ މައްސަލަތަކުގެ ޝިކާރައަކަށް ވުމަށް ދޫކޮށްލުމަކީ އެ ދަރިފުޅުގެ މަސްލަހަތުގައި ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި ހުސެއިން ތަހުސީން އަކީ ކުށުގެ ރެކޯޑް ގިނަ މީހެއް ކަމަށެވެ. އެގޮތުން އޭނާ އަކީ ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްގެ އިތުރުން މަކަރާއި ހީލަތް ހަދައިގެން ގިނަ އަދަދެއްގެ ފައިސާ އަތުލާފައިވާ މައްސަލައެއްގެ ރެކޯޑް އޮންނަ ފަރާތެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ އަމުރުގައި އަދި ބުނެފައިވަނީ، ފަސް އަހަރުގެ އަންހެން ދަރިފުޅުގެ ހަޟާނާތުގެ މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން އެ ދަރިފުޅު ހުސައިން ތަހުސީންގެ އަތުން ނަގައި ވީއެންމެ އަވަހަކަށް ދަރިފުޅުގެ މަންމައާ ހަވާލުކުރުމަށް ފުލުހުންގެ މައްޗަށް އަމުރު ކޮށްފައެވެ.

ފަސް އަހަރުގެ ކުޑަ ކުއްޖަކީ ކުޅުދުއްފުށީ ޕްރީ ސްކޫލުގައި ކިޔަވަމުން އަންނަ ކުއްޖެއް ކަމަށް ވެސް އެ އަމުރުގައި ބުނެފައި ވެއެވެ.