އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖު ކަޕަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑްގައި ހިމެނޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން ގައުމީޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

ޖުމްލަ 32 ކުޅުންތެރިން ހިމެނޭ ގައުމީ ސްކޮޑުގައި ނިއުގެ 13 ކުޅުންތެރިއަކު ހިމެެނެއެވެ. އެކުޅުންތެރިން އިއްޔެ ވަނީ ގައުމީ ޓީމުގެ ފަރިތަކުރުން ތަކުގައި ބައިވެރިވެފަ އެވެ.

މުބާރާތައް ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުންތައް މިދިޔަ މަހުގެ 30 ވަނަ ދު ވަހު ފެށީ ސްކޮޑަށް ނެގި ނިއުގެ ކުޅުން ތެރިންނާއި މާޒިޔާގެ ކުޅުންތެރިން ނުލައެވެ. އެ ކުޅުންތެރިން އޭރު ގައުމީ ޓީމުގެ ފަރިތަކުންތަކުގައި ބައިވެރި ވެފައި ނުވަނީ އޭއެފްސީ ކަޕްގެ މެޗްތައް އެދުވަސް ވަރު ކުޅެމުންދާތީ އެވެ. އެހެން ނަމަވެސް މިދެޓީމް ވެސް މިހާރު ވަނީ އޭއެފްސީ ކަޕުން ކަޓައިފަ އެވެ.

ޗެލެންޖް ކަޕަށް އެކުލަވާލި ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނެނީ މާޒިޔާގެ 11 ކުޅުންތެރިންނާއި ނިއުރޭޑިއަންޓުގެ 13 ކުޅުންތެރިންގެ އިތުރުން، ކްލަބް އީގަލްސް ގެ ފަސް ކުޅުންތެރިންނާއި ބީޖީ ސްޕޯޓްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބް، ކޮންމެ ޓީމަކުން އެއް ކުޅުންތެރިއެކެވެ. އަދި މެލޭޝިއާގެ ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ރާއްޖޭގެ ހުނަރުވެރި ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ) އެވެ.

އޭއެފްސީ ޗެލެންޖް ކަޕް ހުޅުވާ މެޗުގައި މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެ އާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެ ވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މިފަހަރުގެ މުބާރަތުގައި ރާއްޖެ ހިމެނޭ ފަޅީގައި ލައްވައިލި މިޔަންމާ އަކީ 2004 ވަނަ އަހަރުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ވާދަކުރި ޓީމެކެވެ. އަދި ފަލަސް ތީނަކީ، ނޭޕާލް ގައި 2012 ވަނަ އަހަރު އޮތް ޗެލެންޖު ކަޕްގައި ރާއްޖެއާ އެއް ގްރޫޕެއްގައި ވާދަކުރި ޓީމެކެވެ.