13 Apr 2014, 11:49
ޕެނަލްޓީ ޖަހައިގެން ވިގަން އެތުލެޓިކްގެ މައްޗަށް 4-2 ލަނޑުން ކުރިހޯދައިގެން އެފްއޭކަޕްގެ ފައިނަލުން އާސެނަލް ޖާގައެއް ކަށަވަރު ކޮށްފި އެވެ.
ވެމްބްލީ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމް ވެސް 1-1 ލަނޑުން އެއްވަރު ވެގެން ނެވެ. އެހެން ކަމުން މެޗުގެ ނަތީޖާ އެންމެ ފަހުން ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ 63 ވަނަ މިނެޓުގައި ޖަހާ ލީޑް ނެގީ ވިގަން އެތުލެޓިކްއިންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސްޕެއިންގެ މިޑްފީލްޑަރު ޔޯޑީ ގޮމޭޒް އެވެ. އަދި ރޭގެ މެޗުގައި އާސިނަލް އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޖަރުމަންގެ ފެންޑަރު ޕާ މާޓެސޭކާ އެވެ.
ރޭގެ މެޗުގެ ފުރަތަމަ 90 މިނެޓުގެ ކުޅުން ނިމި ދެޓީމް ކުރެ އެއްޓީމަކަށް ވެސް ނަތީޖާއެއް ނެރެވިފައި ނުވުމުން، ދެން ކުޅެން ޖެހުނީ 15 މިނެޓުގެ ދެހާފެވެ. އެގޮތުން ކުޅުނު 15 މިނެޓުގެ ދެ ހާފުގައި އާސެނަލްއަށް ނަތީޖާ ބަދަލުކޮށްލުމުގެ އެތަކެއް ފުރުޞަތު ތަކެއް ލިބިގެން ދިޔަކަން ފާހަގަ ކޮށްލެވުނެވެ. އެހެން ނަމަވެސް ނަތީޖާ އަށް ބަދަލެއް ނައުމުން ދެން ޖެހުނީ ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުމަށެވެ.
މުބާރަތުގެ ފައިނަލުގެ ޖާގައެއް އާސެނަލްއިން ކަށަވަރުކުރި އެ ޓީމާ ދެކޮލަށް ފައިނަލުގައި ދެން ނިކުންނަން ޖެހޭ ޓީމެއް ޔަގީން ވާނީ މިރޭ ހަލް ސިޓީއާއި ޝެފީލްޑް ޔުނައިޓެޑް ބައްދަލުކުރާ މެޗަށް ފަހު އެވެ. މެޗުން މޮޅުވާ ޓީމަކަށް ފުރުޞަތު އެބައޮތެވެ.
ރޭގެ ޕެނަލްޓީގައި އާސެނަލް އިން ޖެހި ހަތަރު ޕެނަލްޓީ ވެސް އެޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ. އެ ޕެނަލްޓީތައް އާސެނަލްއަށް ކާމިޔާބުކޮށްދިނީ އާޓެޓާއާއި ކަލްސްޓްރޯމު އާއި ޖިރޫ އަދި ކަޒޯލާ އެވެ. އަދި ވިގެންއިން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން އާސެނަލްގެ ކީޕަރު ދެ ޕެނަލްޓީ ހިފަހައްޓާފައި ވާއިރު، އަނެއް ދެ ޕެނަލްޓީ ވިގަންއަށް ކާމިޔާޞު ކޮށްދިނީ މެކްއާތާ އާއި ބޯސެޖޯ އެވެ.