13 Apr 2014, 11:03
ސްޕެނިޝް ލަލީގާގައި ގްރެނޭޑާ އަތުން ލިބުނު ނާކާމިޔާބީގެ ސަބަބުން އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ލީގުގެ ތިންވަނަ އަށް ވެއްޓި، ވާދަވެރި ރެއާލް މެޑްރިޑް ދެވަނަ އަށް ޖެހިލައިފި އެވެ.
ގްރެނޭޑާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނެޓްގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްދިނީ ޔަޗިނޭ ބްރަހިމީ އެވެ. 1-0 ލަނޑުން ނިމުނު މިމެޗުގައި ބާސެލޯނާ އިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގްރެނޭޑާ ގޯލުގެ ތެރެއަށް ބޯޅަ އެތެރެ ކޮށްލެވިފައެއް ނުވެ އެވެ. މެޗުގައި ގްރެނޭޑާ އަށް ލީޑު ފުޅާކުރާނެ ފުރުސަތުތަކެއް ވެސް ލިބިފައި ވެއެވެ.
ލަލީގާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އަލްމޭރިއާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް ކުޅުނު މެޗުން މޮޅުވީ 4-0 ލަނޑުންނެވެ. މެޗުގެ 28 ވަނަ މިނެޓްގައި ރެއާލްގެ ފުރަތަމަ ލަނޑު އާޖެންޓީނާ މިޑްފީލްޑަރު އެންޖެލް ޑި މަރީއާ ކާމިޔާބުކުރި އިރު، މެޗުގެ 53 ވަނަ މިނެޓްގައި ދެވަނަ ލަނޑު ކާމިޔާބުކުރީ ވޭލްސް މިޑްފީލްޑަރު ގެރެތު ބޭލް އެވެ. މެޗުގެ 56 ވަނަ މިނެޓްގައި ރެއާލްގެ ތިންވަނަ ލަނޑު ސްޕެއިން މިޑްފީލްޑަރު އިސްކޯ ކާމިޔާބުކުރި އިރު، މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފަހު ލަނޑު ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ.
ލެވަންޓޭ އަތުން ވިޔަރެއާލް މޮޅުވީ 1-0 ލަނޑުންނެވެ. ދެ ޓީމަށް ވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު މި މެޗުގެ ހަމައެކަނި ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅު ތެރޭގަ އެވެ. މި ލަނޑު ވިޔަރެއާލް އަށް ކާމިޔާބުކޮށްދިނީ ފްރާންސް ފޯވަޑް ޖެރެމީ ޕާބެޓް އެވެ.
ސެލްޓަ ވިގޯ އާއި ރެއާލް ސޮސިއެޑާޑް ކުޅުނު މެޗު ނިމިގެންދިޔައީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގައި ސޮސޮއެޑާޑްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ސާޖިއޯ ކަނަލެސް މަޑްރާޒޯ އާއި އެންޓޯއިނޭ ގްރީޒްމަން އެވެ. ސެލްޓަ ވިގޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ނޮލިޓޯ އާއި ސަންޓި މިނާ އެވެ.
ސްޕެނިޝް ލަލީގާގައި ކުޅުނު 32 މެޗުން ލިބުނު 79 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އެތުލެޓިކޯ މެޑްރިޑް އޮތް އިރު، 33 މެޗުން ދެވަނައިގައި އޮތް ރެއާލް އަށް ލިބިފައި ވަނީ ވެސް 79 ޕޮއިންޓެވެ. އަދި 33 މެޗުން ބާސާ އަށް ލިބިފައި ވަނީ 78 ޕޮއިންޓެވެ.