13 Apr 2014, 10:57
ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ފޯޅަވަހި ( ޑިއަގޯގާސިއާ) އަށް ނުޖައްސާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
އެމެރިކާ އިން މިހެން ބުނީ މެލޭޝިއާ އެއާލައިންގެ ބޯޓް ފޯޅަވައްސަށް ޖައްސާފައިވާ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން މެލޭޝިއާގެ ނޫހަކުން ސުވާލުކުރުމުންނެވެ.
މެލޭޝިއާގައި ހުންނަ އެމެރިކާ އެމްބަސީގެ އޮފިޝަލަކު އީމެއިލް މެދުވެރިކޮށް ވިދާޅުވި ކަމަށް މެލޭޝިއާގެ ސްޓާ އޮންލައިން އިން ބުނީ އެމެރިކާގެ މިލިޓަރީ ބޭސް އެއް ކަމަށްވާ ޑިއަގޯ ގާސިއާއަށް އެމްއެޗް 370 ނުޖައްސާ ކަމަށެވެ.
"ދިވެހިރާއްޖެ ނުވަތަ ޑިއަގޯގާސިއާއާ ކައިރި އެއްވެސް ހިސާބަކަށް އެމްއެޗް370 އުދުހުނުކަމަށް ބެލެވިފައެއް ނުވޭ. އެމްއެޗް370 ޑިއަގޯ ގާސިއާއަކަށް ނުޖައްސާ،" އޮފިޝަލް ވިދާޅުވިކަމަށް ނޫހުގައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ އެހެން 26 ގައުމަކާ އެކު އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަތް ވަނަ ފްލީޓުން ވެސް ބޯޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ މަސައްކަތުގައި ބަލަމުން އަންނަނީ މެލޭޝިއާއާއި ބައިނަލް އަގުވާމީ މާހިރުން ފާހަގަކޮށްފައިވާ ސަރަހައްދެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ސްޓާ އޮންލައިން އަށް ޖަވާބުދެއްވި އެމެރިކާގެ އޮފިޝަލްގެ ނަން އެނޫހުން ހާމަކޮށްފައެއް ނުވެ އެވެ.
ގެއްލިފައިވާ ބޯޓް ފޯޅަވައްސަށް ޖައްސާފައިވާ ކަމަށާއި އެބޯޓުން ދަތުރުކުރި މީހުން އެތާންގައި ހައްޔަރުކޮށްފައި އެބަތިބި ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަތައް ދައްކަމުންނެވެ. އެވާހަކަތައް ދެކެވޭތާ އެތައް ދުވަހެއް ވީ ނަމަވެސް އެމެރިކާއިން އެކަމަށް ޖަވާބެއްދިން މިއީ ފުރަތަމަ ފަހަރެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.