އިނގިރޭސި ޕްރިމިއާ ލީގުގައި، މެޗުގެ ފަހު ވަގުތު ޑެންމާކް މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކާމިޔާބުކުރި ލަނޑާއެކު މޮޅުވެ، ވެސްޓް ބްރޮމްވިޗް އަލްބިއަން އަތުން ޓޮޓެންހަމް ހޮޓްސްޕާ ސަލާމަތް ވެއްޖެ އެވެ.

ވެސްޓް ބްރޮމްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗު ނިމިގެން ދިޔައީ 3-3 ލަނޑުން އެއްވަރު ވެގެންނެވެ. މެޗުގެ ކުރީ ކޮޅުގައި ޓޮޓެންހަމް ކޮޅަށް ތިން ލަނޑު ކާމިޔާބުކޮށް ވެސްޓް ބްރޮމް އިން ލީޑު ފުޅާކުރި އެވެ. މެޗުގެ އެއްވަނަ މިނެޓްގައި ވެސްޓް ބްރޮމްގެ ފުރަތަމަ ލަނޑު ޗެކް ރިޕަބްލިކް ފޯވަޑް މަޓެޖް ވީޑްރާ ކާމިޔާބުކުރި އިރު، ހަތަރު ވަނަ މިނެޓްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އަޔަލެންޑް މިޑްފީލްޑަރު ކްރިސް ބްރަންޓް އެވެ.

މެޗުގެ 16 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ޓޯގޯ ފޯވަޑް އެމަނުއެލް އަޑެބަޔޯ އަށް ޕެނަލްޓީއަކުން ލަނޑު ޖަހާނެ ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް ވެސްޓް ބްރޮމްގެ އިނގިރޭސި ގޯލްކީޕަރު ބެން ފޮސްޓާ ވަނީ އެ ޕެނަލްޓީ ދިފާއުކޮށްފަ އެވެ. މެޗުގެ 31 ވަނަ މިނެޓްގައި ބެނިން ފޯވަޑް ސްޓެފަން ސެސެގްނޮން ވަނީ ވެސްޓް ބްރޮމްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗުގެ 34 ވަނަ މިނެޓްގައި ވެސްޓް ބްރޮމްގެ ސްވިޑަން ޑިފެންޑަރު ޖޮނަސް އޮލްސަން އަތުން ބައިކޮޅަށް ލަނޑެއް ވަތް އިރު، ޓޮޓެންހަމްގެ ދެވަނަ ލަނޑު މެޗުގެ 70 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އިނގިރޭސި މިޑްފީލްޑަރު ހެރީ ކޭން އެވެ. މެޗުގެ ފަހު ލަނޑު އަދި ޓޮޓެންހަމް އަށް އެރިކްސަން ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ފެނުނީ މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތު ކޮޅު ތެރޭގަ އެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން ހުރިހާ މެޗެއް ނިމިގެންދިޔައީ 1-0 ލަނޑުންނެވެ. ސަންޑަލޭންޑް އަތުން އެވަޓަން އަށް ކާމިޔާބު ލިބުނީ ޑިފެންޑަރު ވެސް ބްރައުން އަތުން ބައިކޮޅަށް ވަތް ލަނޑުންނެވެ. ނިއުކާސަލް ޔުނައިޓެޑް އަތުން ސްޓޯކް ސިޓީ އަށް ކާމިޔާބު ލިބުނީ ނެދަލޭންޑްސް ޑިފެންޑަރު އެރިކް ޕިއެޓާސްގެ ލަނޑުންނެވެ. ކޮލަމްބިއާ ފޯވަޑް ހޫގޯ ރޮޑަލެގާގެ ލަނޑުން ނޮވިޗް އަތުން ފުލަމް މޮޅުވި އިރު، ސައުތެމްޓަން އަތުން ކާޑިފް ސިޓީ މޮޅުވީ ސްޕެއިން ޑިފެންޑަރު ހުއާން ޓޮރޭސް ރުއިޒްގެ ލަނޑުންނެވެ. އަދި އެސްޓަން ވިލާ އަތުން ކްރިސްޓަލް ޕެލަސް މޮޅުވީ އިނގިރޭސި މިޑްފީލްޑަރު ޖޭސަން ޕަންޗިއޮންގެ ލަނޑުންނެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު 33 މެޗުން ލިބުނު 74 ޕޮއިންޓާއެކު އެއްވަނައިގައި ލިވަޕޫލް އޮތް އިރު، 33 މެޗުން ލިބުނު 72 ޕޮއިންޓާއެކު ދެވަނައިގައި އޮތީ ޗެލްސީ އެވެ. ކުޅުނު 31 މެޗުން ލިބުނު 70 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައި މެންޗެސްޓާ ސިޓީ އޮތްއިރު، ހަތަރު ވަނައިގައި އޮތް އެވަޓަން ކުޅުނު 33 މެޗުން ލިބިފައި ވަނީ 66 ޕޮއިންޓެވެ.