13 Apr 2014, 09:57
"ވައިލްޑް ލައިފް" ޖަނާވާރުތައް ރާއްޖެއިން ފެންނަލެއް އިތުރުވަމުން ދާތީ، މިހާރު ކަސްޓަމްސް އާއި ޕޮލިހުން ހިންގަމުންދާ އޮޕަރޭޝަނަށްފަހު އެތަކެތި އެތެރެވާގޮތްތައް ބަލައި އެކަމަށް ހައްލު ހޯދޭނެ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ސީނިއާ ސުޕްރިޑެންޓް އަހުމަދު ނިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، މިހާރު ކުރިއަށްގެންދާ އޮަޕަރޭޝަންގައި އެންމެ ބޮޑު އިސްކަމެއް ދެނީ، އެފަދަ ތަކެތި ރާއްޖެ އެތެރެކުރަނީ ކިހިނެއްތޯ ބެލުމަށް ކަމަށާއި އޭރުން އެފަދަ ތަކެތި އެތެރެކުރުން ހުއްޓުވިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ޗެކް ކުރުމުގައި ވަރަށް ރަނގަޅު އުސޫލްތަކެއް މިއޮންނަނީ، ނަމަވެސް ފަހަކަށް އައިސް އެފަދަ ޖަނަވާރުތައް ފެންނަމުންދާތީ އިތުރަށް އެބަ ފިޔަވަޅުތައް އަޅަން،" ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ ކަނޑު މަގުންނާއި ވައިގެ މަގުން ރާއްޖެ އެތެރެ ކުރާ މުދާ ޗެކް ކުރުމުގައި އަބަދުވެސް ކަސްޓަމްސް އިން ބޮޑު ސަމާލުކަމެއް ދޭ ކަމަށެވެ. އަދި ފަހަކަށް އައިސް "ވައިލްޑް ލައިފް" ޖަނަވާރުތައް އިތުރުވާތީ އެފަދަ ތަކެތި އެތެރެ ކުރޭތޯ ވަރަށް ބޮޑު ސަމާލުކަމެއް ދީގެން ބަލަމުންދާ ކަމަށެވެ.
ރާއްޖެ އެތެރެކޮށްގެން ގެންގުޅެމުންދާ ނުރައްކާތެރި ޖަނަވާރުތައް ހޯދުމަށް ފުލުހުން އިއްޔެ ފެށި އޮޕަރޭޝަނުގައި މެންދުރާ ހަމައަށް ދެ ހަރުފަޔާއި، ބަކަމޫނަކާ، ގިނަ އަދަދެއްގެ އިގުއާނާ ތަކަކާއި މުގޮށި މީދާތަކަކާއި ފައިދިގު މަކުނުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ބްލެކްވިޑޯ އަކާއި ހެމްސްޓާތަކައެއް ވަނީ ހޯދައިފައެވެ.
ޖަނަވާރުތައް ހޯދުމުގެ މަސައްކަތް، ފުލުހުން އިއްޔެ އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ނަމަވެސް، ދާއިމީ ގޮތެއްގައި އެފަދަ ޖަނަވާރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައި ވެއެވެ.