ތެހެރާން (އެޕްރީލް 13): އދ. ގައި ހުންނަވާ އީރާނުގެ ދާއިމީ މަންދޫބުގެ މަގާމަށް އީރާނުން އަލަށް އައްޔަންކުރި ޑިޕްލޮމޭޓް، ހަމީދު އަބޫތާލިބީ އަށް ވިސާ ދިނުމަށް އެމެރިކާ ދެކޮޅުހެދިނަމަވެސް އޭނާގެ ބަދަލުގައި އެމަގާމަށް އެހެން ބޭފުޅަކު އައްޔަންކުރަން ގަސްދު ނުކުރާކަން އީރާނުން ހާމަކޮށްފި އެވެ.

އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު އައްބާސް އިރަގްޖީ ވިދާޅުވީ، އަބޫތާލިބީއަށް ވިސާ ދިނުމަށް އެމެރިކާ ދެކޮޅުހެދުމަކީ ދެރަކަމެއް ކަމަށާއި އެމައްސަލަ ހައްލުކުރުމަށް އދ. ގެ އޮނިގަނޑުގެ ތެރެއިން އީރާން މަސައްކަތްކުރަމުން ގެންދާކަމުގައެވެ.

އދ. ގެ މެންބަރު ގައުމުތަކުން ނިޔުޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒަށް އައްޔަންކުރާ ސަފީރުންނަށް ވިސާ ދިނުމަކީ އެމެރިކާއަށް ދެކޮޅު ހެދޭނެކަމެއް ނޫންކަމަށާއި މިފަދަ ބޭފުޅުންނަށް ވިސާދިނުމަކީ އދ. އާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެމެރިކާ ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށްވެސް އީރާނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.

ވައިޓް ހައުސް ބުނާގޮތުން ނިޔުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒަށް އީރާނުން ކަނޑައަޅާފައިވާ ސަފީރު ހަމީދު އަބޫތާލިބީ އަށް ވިސާ ދިނުމަށް އެމެރިކާ ދެކޮޅުހެދީ އޭނާއަކީ 1979 ވަނައަހަރު ތެހެރާންގައި ހުރި އެމެރިކާގެ އެންބަސީ ހިސާރުކުރުމަށްފަހު އެތަނުގައި ތިބި އެމެރިކާގެ ޑިޕްލޮމޭޓުން ރަހީނުންގެ ގޮތުގައި ހިފެހެއްޓި އީރާނުގެ ކިޔަވާ ކުދިންގެ ގްރޫޕްގައި ހިމެނޭ ބޭފުޅަކަށް ވާތީ އެވެ.

އަބޫތާލިބީ އަށް ވިސާ ނުދިނުމަށް އެމެރިކާ ސަރުކާރަށް އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތި ކޮށްފައިވަނީ އެމެރިކާގައި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ އެންމެ ބާރުގަދަ ދާއިރާ ކަމަށްވާ ކޮންގްރެސްއިންނެވެ.

އެމެރިކާގެ ނިޔުޔޯކްގައި ހުންނަ އދ. ގެ މައިމަރުކަޒަށް ގައުމުތަކުން ކަނޑައަޅާ ސަފީރުންނަށް އެމެރިކާ ބޭނުންވެއްޖެ ހިނދެއްގައި ވިސާނުދިނުމުގެ އުސޫލެއް މިކަމުގެ ސަބަބުން ތައާރަފް ވެދާނެތީ އެމެރިކާގެ މި ނިންމުމާ ގުޅިގެން ދުނިޔޭގެ ގައުމުތަކަށް ސިހުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. (ރޮއިޓާސް)