13 Apr 2014, 09:11
ވޮޝިންޓަން (އެޕްރީލް 13) : މި ހިނގާ 2014 ވަނަ އަހަރު ފެށުނުއިރު ޗައިނާގެ އިގްތިސާދަށް ދަތިތަކެއް ކުރިމަތިވެފައިވާތީ ޗައިނާގެ އިގްތިސާދު ކުރިޔަށްދާނީ 7.6 އިންސައްތައިގެ ރޭޓެއް ގައި ކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފި އެވެ.
ޗައިނާގެ އިގްތިސާދާބެހޭ ގޮތުން ނެރުނު ރިޕޯޓެއްގައި ވޯލްޑް ބޭންކުން ބުނެފައި ވަނީ ޗައިނާ ސަރުކާރުން ތަންފީޒު ކުރަމުންގެންދާ އިގްތިސާދީ އިސްލާހު ތަކަކީ އެކަށޭނަ އިސްލާހުތަކެއް ކަމަށާ އެއާއެކު ވެސް 2014 ވަނަ އަހަރު ފެށުނުއިރު ޗައިނާގެ އިގްތިސާދަށް އުނދަނގޫ ދުވަސްތަކެއް ކުރިމަތިވެފައިވާތީ ކުރިން ލަފާކުރި މިންވަރަށްވުރެ ޗައިނާގެ އިގްތިސާދީ ކުރިއެރުން ޕޮއިންޓް އެކެއް އިންސައްތަ ދަށްވާނެ ކަމުގަ އެވެ.
ވޯލްޑް ބޭންކުން ކުރިން ލަފާކޮށްފައިވަނީ މިއަހަރު ތެރޭގައި ޗައިނާގެ އިގްތިސާދު 7.7 އިންސައްތާގައި ކުރިޔަށްދާނެ ކަމުގައެވެ. ނަމަވެސް ވޯލްޑް ބޭންކުގެ އެންމެ ފަހުގެ ލަފާކުރުންތަކުގައި ބުނެފައި ވަނީ ޗައިނާގެ އިގްތިސާދު ކުރިޔަށް ދާނީ 7.6 އިންސައްތައިގެ ރޭޓެއްގައި ކަމުގަ އެވެ. މިއީ ވެސް ޗައިނާ ވާދަކުރާ އެމެރިކާގެ އިގްތިސާދު ކުރިޔަށްދާނެ ކަމަށް ލަފާކޮށްފައިވާ ވަރަށްވުރެ ދެގުނަ މަތީ ރޭޓެކެވެ. މިރޭޓުގައި ޗައިނާގެ އިގްތިސާދު ކުރިޔަށް ދިޔަ ނަމަވެސް ކުރިޔަށްއޮތް ހައެއްކަ އަހަރު ތެރޭގައި ޗައިނާގެ އިގްތިސާދު އެމެރިކާގެ އިގްތިސާދާ އެއްވަރު ވެގެންދާނެ އެވެ. އެމެރިކާގެ އިގްތިސާދު މިއަހަރު ކުރިޔަށްދާނެކަމަށް ލަފާކޮށްފައި ވަނީ ތިން އިންސައްތައާއި 3.5 އިންސައްތައާ ދެމެދުގެ ރޭޓެއްގަ އެވެ.
އަނެއްކޮޅުން ޗައިނާ ސަރުކާރުން އިއްޔެ ނެރުނު ވިޔަފާރިއާބެހޭ ތަފާސް ހިސާބުތަކެއް ދައްކާގޮތުން މިދިޔަ މާޗް މަހު ޗައިނާގެ އެކްސްޕޯޓް ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ އެކްސްޕޯޓަށް ވުރެ 6.6 އިންސައްތަ ދަށަށްގޮސްފަ އެވެ. މިއާ އެކު މިއަހަރުގެ މާޗް މަހު ޗައިނާގެ އިންޕޯޓް ވެސް ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ އިންޕޯޓަށް ވުރެ 11.3 އިންސައްތަ ދަށަށްގޮސްފަ އެވެ. ޗައިނާގެ އެކްސްޕޯޓަށް ވުރެ އެގައުމުގެ އިންޕޯޓް ދަށްވުމަކީ އިގްތިސާދީ ގޮތުން ލިބުނު ކުރިއެރުމެއް ކަމަށާ ޗައިނާ އެކްސްޕޯޓް ދަށްވުމުގެ ފަހަތުގައިވަނީ ދުނިޔޭގެ ގިނަ ގައުމުތަކަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތައް ކަމަށް ވެސް ޗައިނާގެ ވިޔަފާރީގެ ތަފާސް ހިސާބާބެހޭ ރިޕޯޓް ބުނެ އެވެ.
އެމެރިކާގެ ގައުމީ އާމްދަނީ (ޖީޑީޕީ) 2013 ވަނަ އަހަރު ގާތްގަނޑަކަށް 16.7 ޓްރިލިޔަން އެމެރިކާ ޑޮލަރުގައި އުޅޭއިރު ޗައިނާގެ އެމެރިކާގެ ގައުމީ އާމްދަނީ 2012 ވަނަ އަހަރުން 2013 އަހަރުގެ ނިޔަލަށް ވަނީ 8.3 ޓްރިލިޔަން އެމެރިކާ ޑޮލަރުން 9.7 ޓްރިލިޔަން އެމެރިކާ ޑޮލަރަށް މައްޗަށް ގޮސްފައެވެ. އަދި މިއަހަރު ނިމޭއިރު އެމެރިކާގެ ގައުމީ އާމްދަނީ 17 ޓްރިލިޔަނަށް އަރާނެ ކަމަށް ލަފާކުރެވޭއިރު ޗައިނާގެ ގައުމީ އާމްދަނީ 11 ޓްރިލިޔަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް އިގްތިސާދީ ރިޕޯޓްތަކުގައި ލަފާކޮށްފައިވެ އެވެ.
ދުނިޔޭގެ އިގްތިސާދީ ބާރުގެ ރޭންކަށް ބަލާއިރު އެންމެ ކުރީގައި އުޅެނީ 17 ޓްރިލިޔަން ޑޮލަރުގެ އާމްދަނީއަކާ އެކު (28 ގައުމު ހިމެނޭ) ޔޫރަޕްގެ އިއްތިޙާދެވެ. ވަކިގައުމުތަކަށް ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދީ ބާރަކީ އެމެރިކާއެވެ. ދެވަނައަށް ޗައިނާ އެވެ. ތިންވަނައަށް ޖަޕާނެވެ. ހަތަރުވަނަ އަށް ޖަރުމަނެވެ. ފަސްވަނައަށް ފަރަންސޭސިވިލާތެވެ. ހަ ވަނައަށް އިނގިރޭސިވިލާތެވެ. އެއަށް ފަހު ބްރަޒީލް، ރަޝިޔާ، އިޓަލީ، އަދި އިންޑިޔާ އެވެ. (ނޫސްއެޖެންސީތައް)