އައިލެންޑް އޭވިއޭޝަން އިން ހިންގާ މޯލްޑިވިއަން އަށް 14 އަހަރުފުރުން ފާހަގަ ކުރުމުގެ ގޮތުން 14 ދަތުރެއް ހިލޭ ލިބޭ ލަކީ ޑުރޯއެއް މިއަދު ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު "ސަން" އަށް ވިދާޅުވީ އެކުންފުއްޏަށް 14 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މިއަދު އެކުންފުނީގެ ފްލައިޓްތަކުން ދަތުރުކުރައްވާ ފަރާތްތަކުގެ ބޯޑިން ޕާސްތަކުގެ ތެރެއިން ގުރުއަތުން ނެގޭ ބޯޑިން ފާހަގަކޮށް 10 ޑޮމެސްޓިކް ޓިކެޓާއި ހަތަރު އިންޓަނޭޝަނަލް ޓިކެޓް ހިލޭ ލިބޭނެކަމަށެވެ.

"އަޅުގަނޑުމެންގެ އެއާލައިންތަކުގެ 10 ޑޮމެސްޓިކް ދަތުރާއި ހަތަރު އިންޓަނޭޝަނަލް ޓިކެޓް ހިލޭ ލިބޭނެ ލަކީ ޑްރޯއިން ހޮވޭ ފަރާތަކަށް،" ނަޝާތު ވިދާޅުވި އެވެ.

ގައުމީ އެއާލައިންގެ 14 އަހަރުގެ ހިދުމަތް ފާހަގަ ކުރަމުން ނަޝާތު ވިދާޅުވީ، އެއާލައިންގެ ހަޔާތުގައި 14 އަހަރަކީ ކުރު މުއްދަތެއް ކަމަށާއި ނަމަވެސް 14 އަހަރު ތެރޭގައި މޯލްޑިވިއަން އިން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އެއާބަސް ފްލައިޓެއް ގެނައުމާއި، އިންޓަނޭޝަނަލް ދަތުރުތައް ފެށުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ހޯދުނު ބޮޑެތި ކާމިޔާބީތައް" ނަޝާތު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި މޯލްޑިވިއަންގެ ކުރިއެރުމަށް ގިނަ ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށެވެ.