12 Apr 2014, 17:49
އަގުހެޔޮކޮށް އެއްތަނަކުން ބައިވަރު ފޮތްތަކެއް ކަސްޓަމަރުންނަށް ފަސޭހަ ކަމާ އެކު ފޯރުކޮށްދިނުމުގެ ބޭނުމުގައި ނޮވެލްޓީގެ ފަރާތުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ނޮވެލްޓީ ބުކް ފެއާ" މިއަދު ފަށައިފި އެވެ.
ނޮވެލްޓީގެ ސޭލްސް މެނޭޖަރު އައިޝަތު ރަޔާހީން ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 22 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެފެއާ މި އަހަރު ކުރިއަށް ދާނީ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ކަމަށާއި މިއަހަރުގެ ފެއާގައި ވެސް ކުރައްވާ ވިޔަފާރިތަކަށް ކޫޕަނެއް ލިބޭނެ ކަމަށެވެ.
އެގޮތުން ފެއާ ކުރިޔަށްދާ މުއްދަތުގައި ކޫޕަން ލިބޭނެ ކަމަށާއި ކޫޕަން ފުރުމަށް ފަހު ކޫޕަން ހުށައެޅުމުގެ ފުރުސަތު މެއި މަހުގެ ފަސްވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
ނޮވެލްޓީގެ ޖެނެރަލް މެނޭޖަރު އަހްމަދު ނަޝީދު ވިދާޅުވީ މި ފެއާއަކީ ކަސްޓަމަރުންނަށް ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ފޮތްތަކެއް ލިބިގެންދާނެ ފެއާއެއް ކަމުގައި އުންމީދު ކުރައްވާނޭ ކަމަށެވެ.
މިއަހަރުގެ ނޮވެލްޓީ ބުކް ފެއާ ދަރުބާރުގޭ ރަންނަބަޑޭރި މާލަމުގައި ކުރިއަށްދާ އިރު ފެއާ ހުޅުވިފައި ހުންނާނީ މެންދުރު ފަހު 2:00 އިން ރޭގަނޑު 12:00 އަށް ކަމަށް ނޮވެލްޓީން މައުލޫމާތު ދިނެވެ. ނޮވެލްޓީ ބުކް ފެއާއަކީ ކޮންމެ އަހަރަކު ވެސް އަގުހުރި އިނާމުތަކެއް ހުށަހެޅިގެން ކުރިއަށްދާ ވަރަށް ގިނަ ބައެއް ޒިޔާރަތްކުރަމުން އަންނަ ފެއާއެކެވެ.