12 Apr 2014, 17:44
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ގާނޫނާ ގަވާއިދާ ހިލާފަށް ފޯން އެލަވަންސް ނެންގެވި ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރި މައްސަލައިގަ ކަމަށް އެނގިފައިވެ އެވެ.
އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރަން ހުށަހަޅާފައި އޮތް ނަމަވެސް އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގެންފައިވާ ކަމެއް ނޭނގެ އެވެ.
ޕީޖީ އޮފީހުން ފޮނުވާފައިވާ ވަރަށް ގިނަ އަދަދެއްގެ މައްސަލަ ގަވާއިދާ އެއްގޮތަށް ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވަނީ ބަލައިނުގެންފަ އެވެ.
އަލީ ހަމީދުގެ މައްޗަށް ދައުވާ ކުރުމަށް ކޯޓަށް ހުށަހެޅުމަށް ފަހު އެ މައްސަލަ ޕީޖީ އޮފީހުން ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވެސް އަންގައިފަ އެވެ. ނަމަވެސް މިހާތަނަށް އެ ކޮމިޝަން ރަސްމީކޮށް އެ މައްސަލައިގައި ފިޔަވަޅެއް އަޅައިފައެއް ނުވެ އެވެ.