25 Dec 2010, 11:58
ހައިކޯޓަށް ފަނޑިޔާރުން ނެގުމުގެ ޕެނަލުގައި ކުރިން ހިމެނިވަޑައިގެންނެވި، ކޮމިޝަންގެ މެމްބަރު ޢަބްދުﷲ ދީދީ ޕެނަލުން ވަކިކުރައްވައި އޭނާގެ ބަދަލުގައި ކޮމިޝަންގެ މެމްބަރު އާއިޝަތު ވެލެޒިނީ ހަމަޖައްސަވައިފި އެވެ.
ބުރާސްފަތި ދުވަހު ޖޫޑިޝަލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދުވަހުގެ ޖަލްސާގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ހައިކޯޓް ފަނޑިޔާރުންގެ ކަންތައްތައް ކުރިއަށް ދާގޮތާ ގުޅޭ ގޮތުން ކަމަށެވެ.
ނަމަވެސް އަބްދުﷲ ދީދީގެ ބަދަލުގައި ވެލްޒިނީ އެ ޕެނަލްގައި ހިމެނީ ކީއްވެގެން ކަމެއް ޖޭއެސްސީ އަކުން ނުބުނެ އެވެ.
ޖޭއެސްސީން ބުނީ މިދިޔަ ހަފުތާގެ ކޮމެޓީތަކުގެ ސްޓޭޓަސް އަށް ބަލާ އިރު، ޝަކުވާ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވިފައި ނުވަނީ އެ ކޮމެޓީގެ މުޤައްރިރު ބައްދަވުން ނުބޭއްވުމަށް ވިދާޅުވެފައިވާތީ ކަމަށާއި ނަމަވެސް ތަހުޤީގު ކޮމެޓީއެއްގެ ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ. ހަތަރު ވަނަ ތަހުޤީޤު ކޮމެޓީއެއް ބޭއްވުމަށް އެޖެންޑާކޮށް، ކޯރަމު ހަމަނުވެގެން ނުބޭއްވުނު ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމަށް އެކުލަވާލި ޕެނަލުގެ ބައްދަލުވުމަކާއި ފަނޑިޔާރުންގެ ޤާނޫނާއި ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންތައްތައް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީގެ ބައްދަލުވުމެއް ވެސް ބޭއްވުނު ކަމަށް ޖޭއެސްސީ އިން ބުންޏެވެ.