12 Apr 2014, 17:38
ދެހާސް ތޭރަ ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް އިންސާނުން މަރައިފައި ވަނީ އެމެރިކާ ބައްރުގެ ތިން ސަރަހައްދުގައި ކަމަށް އަލިފުދާލުން މިދިޔަ ބުރާސްފަތި ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފިއެވެ.
މިދިޔަ އަހަރު އުތުރު، މެދުތެރޭ އަދި ދެކުނު އެމެރިކާގައި ވަނީ އެއް އަހަރެއްގެ ތެރޭގައި ދުނިޔޭގެ އެއްވެސް ތަނެއްގައި މީހުން މަރައިފައި ނުވާ ވަރަށް މީހުން މަރައިފައެވެ.
އަލިފުދާލުގެ "ގްލޯބަލް ސްޓަޑީ އޮން ހޮމިސައިޑް" ގެ 2013 ވަނަ އަދަދުގެ އިސްދާރުގައި ބުނެފައި ވަނީ މިދިޔަ އަހަރު ދެކުނު އެމެރިކާގައި މަރައިލެވުނު މީހުންގެ އަދަދު، އެފްރިކާގައި ގަތުލު ކުރެވުނު މީހުންގެ އަދަދަށް ވުރެ ވެސް އިތުރު ކަމަށެވެ. 2013 ވަނަ އަހަރުގެ ކުރީން ކޮންމެ އަހަރަކު ވެސް އެންމެ ގިނަ އަދަދަކަށް މީހުން މަރާ ސަރަހައްދެއްގެ ގޮތުގައި އޮތީ އެފްރިކާއެވެ.
ފަގީރުކަމާއި އިޖުތިމާއީ އެކިއެކި މައްސަލަތަކުން ފުރިފައި ވާ އެފްރިކާއަކީ ގިނަ އަދަދަކަށް އަހުލީ ހަނގުރާމަތައް ވެސް ހިނގާ ސަރަހައްދެކެވެ. ނަމަވެސް އެ ހަނގުރާމަތަކުގައި މަރައިލެވޭ މީހުންގެ އަދަދާ އެކު ވެސް، އެފްރިކާއަށް ވުރެ އެމެރިކާ ސަރަހައްދުގެ ގަތުލުގެ މިންވަރު މިވަނީ މައްޗަށް ގޮސްފައެވެ.
2013 ވަނަ އަހަރު މުޅި ދުނިޔޭގައި 437000 މީހުން މަރައިލެވުނު އިރު، އޭގެ ތެރެއިން 36 އިންސައްތަ ގަތުލު ހިނގައިފައި ވަނީ އުތުރު، މެދުތެރޭ، އަދި ދެކުނު އެމެރިކާގެ ގައުމުތަކުގައެވެ. އެފްރިކާގައި މަރައިލެވުނީ ޖުމުލަ އަދަދުގެ 31 އިންސައްތައެވެ. އޭޝިއާގައި 28 އިންސައްތައެވެ. ޔޫރަޕުގައި 5 އިންސައްތަ، އަދި އޯޝޭނިއާގައި 0.3 އިންސައްތައެވެ.
އެއް ގައުމަކަށް، މީހުން މަރާ ނިސްބަތް އެންމެ މަތީ ގައުމަކީ މެދުތެރޭ އެމެރިކާގެ، ސައްތައިން ސައްތަ ކްރިސްޓިއަން ދައުލަތެއް ކަމަށް ވާ ހޮންޑިއުރާސްއެވެ. ހޮންޑިއުރާސްގައި 2013 ވަނަ އަހަރު ކޮންމެ އެއްލައްކަ މީހަކަށް 90.4 މީހުން މަރައިލެވިފައި ވެއެވެ.
އެމެރިކާގެ "ވޮޝިންގޓަން އޮފީސް އޮން ލެޓިން އެމެރިކާ" ގެ ޕްރޮގްރާމް ޑިރެކްޓަރ ޖިއޮފް ތޭލް ވިދާޅުވީ، މެދުތެރޭ އެމެރިކާގައި މީހުން މެރުމުގެ ނިސްބަތް އަހަރުން އަހަރަށް އިތުރު ވަމުން އަންނަނީ މައިގަނޑު ތިން ސަބަބަކާ ހުރެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ތިން ސަބަބަކީ ގޭންގުތަކުގެ މައްސަލަ ބޮޑު ވުމާއި، އިންތިޒާމީ ޖަރީމާތައް، ޚާއްސަ ގޮތެއްގައި މަސްތު ވާ ތަކެތީގެ ވިޔަފާރި، އިތުރު ވުމާއި، ޤާނޫނު ތަންފީޒު ނުކުރެވުމެވެ.
ދުނިޔޭގައި މީހުން މަރާ ގާތިލުންގެ 95 އިންސައްތަ އަކީ ފިރިހެނުން ކަމަށާއި، މަރައިލެވޭ މީހުންގެ 80 އިންސައްތަ އަކީ ވެސް ފިރިހެނުން ކަމަށް އަލިފުދާލުގެ ރިޕޯޓުން ދައްކައެވެ. މަރައިލެވުނު މީހުންގެ 15 އިންސައްތަ އަކީގެވެށި އަނިޔާގެ އެކިއެކި ހާދިސާތަކުގައި މަރައިލެވުނު މީހުންނެވެ. އޭގެ ތެރެއިން 70 އިންސައްތަ އަކީ އަންހެނުންނެވެ.
އެންމެ ގިނަ އަދަދަކަށް މީހުން މަރައިލެވެނީ ބަޑީގެ ހަމަލާތަކުގައެވެ. ބަޑީން މަރައިލެވޭ މީހުންގެ ނިސްބަތް އެމެރިކާ ސަރަހައްދުގައި ވަކީން ބޮޑެވެ. އެގޮތުން، އެމެރިކާގެ ސަރަހައްދުގައި މަރައިލެވުނު މީހުންގެ 66 އިންސައްތަ މަރައިލެވުނީ ބަޑީގެ ހަމަލާތަކުގައެވެ. ޔޫރަޕާއި އޯޝޭނިއާގައި އެންމެ ގިނަ ފުރާނަ ނަގައިލެވިފައި ވަނީ ވަޅި ނުވަތަ އެކި ބާވަތްބާވަތުގެ ތިލަ ފަދަ ތޫނު ހަތިޔާރުތަކުގެ ބޭނުން ކޮށްގެންނެވެ.