ވަގަށް ރާއްޖެ އެތެރެކޮށް ގެންގުޅެމުންދާ ނުރައްކާތެރި ޖަނަވާރުތައް ހޯދުމުގެ މަސައްކަތް ފުލުހުން ފެށުމުން އެ ތަކެތި ގެންގުޅެމުންދާ ބައެއް ފަރާތްތަކުން އެފަދަ ތަކެތި ދޫކުރުން ފަށާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިއަދު ހެނދުނު 8:00 ގައި ފެށި އޮޕަރޭޝަން މެންދުރާ ހަމައަށް ދިޔައިރު ފުލުހުން ވަނީ ބަކަމޫނަކާއި ދެ ހަރުފައަކާއި އިގުއާނާތަކަކާއި ހެމްސްޓާތަކަކާއި ކުދި މީދާތަކަކާއި ފައިދިގު މަކުނުގެ އެންމެ ނުރައްކާތެރި ބާވަތް ކަމަށްވާ ބްލެކްވިޑޯ އެއް ހޯދައިފަ އެވެ.

ފުލުހުން ހޯދި ތަކެތި ދައްކާލުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޑެންޓް އޮފް ޕޮލިސް އަހުމަދު އަޒްހާން ވިދާޅުވީ ފުލުހުން އެ އޮޕަރޭޝަން ފެށުމާއެކު އެފަދަ ތަކެތި ގެންގުޅޭ ބައެއް ފަރާތްތަކުން އެ ތަކެތި ދޫކުރަން ފަށާފައިވާ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އޮޕަރޭޝަން ފެށުމުން މި ތަކެތި ގެންގުޅޭ ބައެއް ފަރާތްތަކުން އެ ތަކެތި ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބޭ. ހަރުފައެއް ނުވަތަ ފައިދިގު މަކުނުގެ ބާވަތަކަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް. ކޮން ކަހަލަ ޖަނަވާރެއް ކަމެއް ސީދާ ދަންނަވާކަށް ނޭނގޭ،" އަޒްހާން ވިދާޅުވި އެވެ.

ވަގަށް އެތެރެކޮށްގެން ރާއްޖޭގައި ގެންގުޅެމުންދާ މިފަދަ ޖަނަވާރެއްގެ މައުލޫމާތު ލިބިއްޖެ ނަމަ ފުލުހުންނާ އެކަން ހިއްސާ ކުރުމަށް ވެސް އަޒްހާން އެދިވަޑައިގެންނެވި އެވެ.

"މިފަދަ އެއްޗަކުން ދިމާވެދާނެ ނުރައްކާތެރި ކަމަކުން އަޅުގަނޑުމެން އެންމެން ވެސް ސަލާމަތްވާންޖެހޭ. މީހަކު މިފަދަ ޖަނަވާރެއް ގެންގުޅޭކަން އެނގިފައިވާ ނަމަ ނުވަތަ މިފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ އެކަން އަޅުގަނޑުމެންނަށް އަންގަވައިދެއްވުން އެދެން. އަޅުގަނޑުމެންނަށް މައުލޫމާތު ދޭ ފަރާތްތަކުގެ މައުލޫމާތު ސިއްރު ކުރާނެ ކަމުގެ ޔަގީންކަން ވެސް އަރުވަން،" އޭނާ ވިދާޅުވި އެވެ.

ނުރައްކާތެރި ޖަނަވާރުތަކުގެ ވަގު ވިޔަފާރި ވެސް ކުރަމުންދާ ކަމަށް ފުލުހުންނަށް އެނގިފައިވާ ކަމަށާއި އެކަންތައް ހުއްޓުވުމަށް އަދި މިފަދަ ޖަނަވާރުތައް އެތެރެކޮށް ގެންގުޅޭ މީހުންނާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އަޒްހާން ވިދާޅުވި އެވެ.

ޖަނަވާރުތައް ހޯދުމަށް ފުލުހުން މިއަދު އޮޕަރޭޝަނެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ނަމަވެސް ދާއިމީ ގޮތެއްގައި މިފަދަ ޖަނަވާރުތައް ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.