ރާއްޖެ އެތެރެކޮށްގެން ގެންގުޅެމުންދާ ނުރައްކާތެރި ޖަނަވާރުތައް ހޯދުމަށް ފުލުހުން މިއަދު ފެށި އޮޕަރޭޝަނުގައި މެންދުރާ ހަމައަށް ބަކަމޫނަކާއި ހަރުފަތަކަކާއެކު ގިނަ އަދަދެއްގެ އިތުރު ޖަނަވާރުތަކެއް ވެސް ހޯދައިފި އެވެ.

ފުލުހުން ހޯދި ތަކެތީގެ ތެރޭގައި ހިމެނެނީ ބަކަމޫނަކާއި ދެ ހަރުފަޔަކާއި ގިނަ އަދަދެއްގެ އިގުއާނާތަކަކާއި މުގޮށި މީދާތަކަކާއި ފައިދިގު މަކުނުގެ ނުރައްކާތެރި ބާވަތެއް ކަމަށްވާ ބެލެކްވިޑޯ އަކާއި ހެމްސްޓާތަކައެއް ހިމެނެ އެވެ.

ވަގަށް ރާއްޖެ އެތެރެކޮށް ގެންގުޅެމުންދާ ނުރައްކާތެރި ޖަނަވާރުތައް ހޯދުމަށް ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނުގައި ފިޝަރީޒް މިނިސްޓްރީ އާއި އެންވަރަމަންޓް މިނިސްޓްރީ އާއި ކަސްޓަމްސް އަދި ސިފައިން ވެސް ބައިވެރިވެ އެވެ.

ފުލުހުން އަތުލައިގަތް ބަކަމޫނެއް: އެފަދަ ޖަނަވާރު ރާއްޖޭގައި ގިނަވަމުންދާނަމަ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު އެންވަރަމަންޓް މިނިސްޓްރީން ވަނީ ދީފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ


މެންދުރާ ހަމައަށް އަތުލައިގެންފައިވާ ތަކެތި ދައްކާލުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންވަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޝާހު ވިދާޅުވީ ހަރުފަ އަދި ބްލެކްވިޑޯ ސްޕައިޑާ ކަހަލަ އެއްޗެހި ދަތް އަޅައިފިނަމަ ދެވޭނެ ވެކްސިނެއް ރާއްޖޭގައި ނެތް ކަމަށެވެ.

"އެކިއެކި ޖަމިއްޔާތަކުން ހިމާޔަތްކޮށްފައިވާ ޖަނަވާރުތައް ވެސް ދަނީ ރާއްޖެ އެތެރެ ކުރަމުން. މިކަހަލަ ކަންތައްތަކަކީ އަޅުގަނޑުމެން މަނާ ކުރަންޖެހޭ ކަންތައްތައް،" އޭނާ ވިދާޅުވި އެވެ. "ހަރުފަ އަދި ބްލެކްވިޑޯ ސްޕައިޑާ ކަހަލަ އެއްޗިއްސަކީ ދަތް އަޅައިފި ކަމަށްވަންޏާ އެއަށް ވެކްސިނެއް ނުވަތަ ފަރުވާއެއް ވެސް ރާއްޖެއަކު ނުހުންނާނެ. އަދި ރާއްޖޭގައި އެކަލަ ކަންތަކަށް ރެސްކިއު ސެންޓަރެއް ވެސް ނެތް."

ފުލުހުން އަތުލައިގަތް މީދަލެއް: އެފަދަ ޖަނަވާރު ރާއްޖޭގައި ގިނަވަމުންދާނަމަ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު އެންވަރަމަންޓް މިނިސްޓްރީން ވަނީ ދީފައި-- ސަން ފޮޓޯ: ފަޔާޒު މޫސާ


މިފަދަ ނުރައްކާތެރި ބާވަތްތަކުގެ ޖަނަވާރުތައް ރާއްޖޭގައި ގިނަވަމުންދާ ކަމަށްވާ ނަމަ އޭގެ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ވެސް ޝާހު ދެއްވި އެވެ.

"މިކަހަލަ ޖަނަވާރުތައް، ތަފާތު ވައްތަރުގެ އޭލިއަން ސްޕީޝީސްތައް ރާއްޖޭގައި ގިނަވަމުންދާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ހިޔާލަށް ވެސް ނުގެނެވޭ ކަހަލަ ކަންތައްތަކެއް ކުރިމަތިވެދާނެ،" ޝާހު ވިދާޅުވި އެވެ.

ރާއްޖެއަށް އެތެރެ ކުރާ މިފަދަ ޖަނަވާރުތައް ހޯދުމުގެ އިތުރުން އެ ޖަނަވާރުތައް އެތެރެކޮށް ގެންގުޅޭ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށާއި އެކަމަށްޓަކައި ސަރުކާރުގެ މުއައްސަސާތަކަށް ދޭންޖެހޭ އެއްބާރުލުން އެންވަރަންޓް މިނިސްޓްރީގެ ފަރާތުން ދޭނެ ކަމަށް ޝާހު ވިދާޅުވި އެވެ.
ފުލުހުން އަތުލައިގަތް ހަރުފައެއް: އެފަދަ ޖަނަވާރު ރާއްޖޭގައި ގިނަވަމުންދާނަމަ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު އެންވަރަމަންޓް މިނިސްޓްރީން ވަނީ ދީފައި-- ސަން ފޮޓޯ: ފަޔާޒު މޫސާ