ނިމިގެން މިދިޔަ 2013 ވަނަ އަހަރު ޖޫން މަހުގައި ވަނީ "ސުޕަރ މޫން" އެއް ފެނިފައެވެ. މިއީ އެ އަހަރު ތެރޭގައި އެންމެ ފުރިހަމައަށް އަދި އެންމެ ބޮޑުކޮށް ފެނުނު ހަނދެވެ. "ސުޕަރ މޫން"ގެ ނަން އެ ހަނދަށް ދެވިފައިވަނީ މި ސަބަބާ ގުޅިގެންނެވެ. މިއަހަރު ވެސް "ސުޕަރ މޫން" އެއް ފެންނާނެއެވެ. އެއީ މިއަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ހަނދުގެ މިފަދަ ހާލަތްތަކަށް ޝައުގުވެރިވާ މީހުންނަށް މިއަހަރުގެ "ސުޕަރ މޫން" ގެ ކުރީން ވެސް މިފަދަ ހާއްސަ ހާލަތެއް އެބަ އޮތެވެ. އެއީ "ބްލަޑް މޫން" އެއް ފެނުމެވެ. އަންނަ އަންގާރަ ދުވަހު ފެންނަ މި "ބްލަޑް މޫން"ގެ ނަމުން ވެސް ދޭހަ ވާ ފަދައިން މި ހަނދު ހުންނާނީ "ލޭ ކުލަ"އިގައެވެ.

މި "ބްލަޑް މޫން" އަކީ އެޕްރީލު މަހުގެ 15 ގައި ހިފާ ފުރިހަމަ ހަނދު ކޭތައިގެ ސަބަބުން ފެންނަ ހާލަތެއް ކަމުން، މި "ލޭ ހަނދު" ފެނުމުގެ ނަސީބެއް ދިވެހިރާއްޖޭގައި ތިބި ބަޔަކަށް ނުލިބޭނެއެވެ. އެއީ އެޕްރީލު މަހުގެ 15 ގައި ހިފާ ހަނދު ކޭތަ ރާއްޖެ ހިމެނޭ ސަރަހައްދަކަށް ނުފެންނާނެތީއެވެ. މި ހަނދު ކޭތަ އެންމެ ފުރިހަމައަށް ފެންނާނީ އެމެރިކާ ބައްރުގެ ގައުމުތަކަށެވެ.

ފަލަކީ އިލްމުވެރީން ވިދާޅުވާ ގޮތުގައި، މި ގޮތަށް ހަނދު ކޭތައާ އެކު، ހަނދުގެ ކުލަ ރަތްކޮށް ފެންނަނީ ދުނިޔޭގެ ހިޔަނީގެ ތެރެޔަށް ހަނދު ވަދެގެން ދާ އިރު، އިރުގެ ދޯދިތައް ހަނދަށް އެޅިފައި ހުންނަ ގޮތުގެ ސަބަބުންނެވެ. އެއީ އިރުއޮއްސޭ އިރު އުޑުމަތީގެ ކުލަ ވެސް ރަތްކޮށް ފެންނަ ފަދައިންނެވެ.

މިއަހަރުގެ އެޕްރީލު މަހުގެ 15 އިގެ ހަނދު ކޭތައިގެ އިތުރުން، މި އަހަރުގެ އޮކްޓޯބަރު މަހުގެ 08 ގެ ހަނދު ކޭތަ އާއި މި އަންނަ 2015 ވަނަ އަހަރުގެ އެޕްރީލު މަހުގެ 04 ގެ ހަނދު ކޭތަ އާއި 2015 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 28 ގެ ހަނދު ކޭތަ ވެސް ވެގެންދާނީ މިފަދަ ފުރިހަމަ ހަނދު ކޭތަ ތަކަކަށެވެ. އަދި އަންނަ އަންގާރަ ދުވަހުގެ ހަނދު ކޭތަ ފަދައިން މި ހަނދު ކޭތަތައް ވެސް ފެނިގެންދާނީ "ލޭ ހަނދު" ތަކުގެ ގޮތުގައެވެ.

މި އަހަރުގެ މި "ލޭ ހަނދު" ނުވަތަ "ބްލަޑް މޫން" މި ދިމާވަނީ އެމެރިކާގެ އަސްލު ރަށްވެހީންގެ ސަގާފަތުގައި ފުރިހަމަ ހަނދު ތަކަށް ދީފައިވާ ނަންތަކުގެ ތެރެއިން "ޕިންކް މޫން" އާއެވެ. "ޕިންކް މޫން" ނުވަތަ "ފިޔާތޮށި ހަނދު"، މިއީ އެޕްރީލު މަހުގެ ފުރިހަމަ ހަނދަށް ކިޔާ ނަމެކެވެ. މިއީ ބަހާރު މޫސުމުގައި އެންމެ ގިނައިން ފޮޅޭ އެއް މަލެއްގެ ކުލަޔަށް ނިސްބަތް ކޮށް ކިޔައިފައިވާ ނަމެކެވެ. އެއް ގޮތަކަށް ވެސް މިއީ ހަނދުގެ ކުލަޔަށް ނިސްބަތްކޮށް ކިޔައިފައިވާ ނަމެއް ނޫނެވެ. އެހެންނަމަވެސް މިއަހަރުގެ "ޕިންކް މޫން" އަކީ "ބްލަޑް މޫން" އަކަށް ވެސް ވެގެންދާތީ މިއަހަރު ހަގީގަތުގައި ވެސް "ޕިންކް މޫން" އެއް ފެންނާނެއެވެ. "ޕިންކް މޫން" މި ނަމުގެ އިތުރުން ބަހާރު މޫސުމާ ގުޅުން ހުރި އެހެން ނަންނަމާ ގުޅުވައިގެން ވެސް މި ހަނދަށް ނަން ކިޔައިފައި ހުރެއެވެ. މި ގޮތުން މި ހަނދަށް "ސްޕްރައުޓިންގ ގްރާސް މޫން" އަދި "އެގް މޫން" ކިޔައެވެ. އަދި އައްސޭރި ފަށުގެ މީހުން މި ހަނދަށް "ފިޝް މޫން"އޭ ވެސް ކިޔައެވެ.

ދުނިޔޭގެ ވަރަށް ގިނަ ސަގާފަތްތަކުގައި މި ގޮތުން އަހަރުގެ ތެރޭގައި އަންނަ ފުރިހަމަ ހަނދުތަކަށް ކިޔާ ނަން ހުރެއެވެ. މި ގޮތުން އަހަރުގެ ތެރޭގައި އަންނަ ފުރިހަމަ 12 ހަނދަށް ޚާއްޞަ ނަންތައް މި ދެންނެވި ފަދަ ސަގާފަތްތަކުގައި ހުރެއެވެ. އެމެރިކާގެ އަސްލު ރަށްވެހީންގެ ސަގާފަތުގައި ކިޔާ މިފަދަ ނަންތަކަށް ބަލާއިރު، ޖަނަވަރީ މަހުގެ ތެރޭގައި އަންނަ ފުރިހަމަ ހަނދަށް ކިޔަނީ "ވޮލްފް މޫން" އެވެ. މިއަހަރުގެ "ވޮލްފް މޫން" އައީ ޖަނަވަރީ މަހުގެ 16 ގައެވެ.

ފެބުރުވަރީ މަހުގެ ހަނދަށް ކިޔަނީ "ސްނޯވް މޫން" އެވެ. މިއަހަރުގެ "ސްނޯވް މޫން" އައީ ފެބުރުވަރީ މަހުގެ 14 ގައެވެ. މާރިޗު މަހުގެ ހަނދަށް ކިޔަނީ "ވޯރމް މޫން" އެވެ. މިއަހަރުގެ "ވޯރމް މޫން" އައީ މާރިޗު މަހުގެ 16 ގައެވެ. އެޕްރީލު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ޕިންކް މޫން" އެވެ. މިއަހަރުގެ "ޕިންކް މޫން" އަންނާނީ އެޕްރީލު މަހުގެ 15 ގައެވެ. މެއި މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ފްލާވަރ މޫން" އެވެ. މިއަހަރުގެ "ފްލާވަރ މޫން" އަންނާނީ މެއި މަހުގެ 14 ގައެވެ. ޖޫން މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ސްޓްރޯބެރީ މޫން" އެވެ. މިއަހަރުގެ "ސްޓްރޯބެރީ މޫން" އަންނާނީ ޖޫން މަހުގެ 13 ގައެވެ. ޖުލައި މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ބަކް މޫން" އެވެ.

މިއަހަރުގެ "ބަކް މޫން" އަންނާނީ ޖުލައި މަހުގެ 12 ގައެވެ. އޯގަސްޓް މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ސްޓަރޖަން މޫން" އެވެ. މިއަހަރުގެ "ސްޓަރޖަން މޫން" އަންނާނީ އޯގަސްޓް މަހުގެ 10 ގައެވެ. މިއަހަރުގެ "ސްޓަރޖަން މޫން" ވެގެން ދާނީ، މިދިޔަ އަހަރުގެ "ސްޓްރޯބެރީ މޫން" ފަދައިން "ސުޕަރ މޫން" އަކަށެވެ. ސެޕްޓެންބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ހަރވެސްޓް މޫން" އެވެ. މިއަހަރުގެ "ހަރވެސްޓް މޫން" އަންނާނީ ސެޕްޓެންބަރު މަހުގެ 9 ގައެވެ.

އޮކްޓޯބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ހަންޓަރސް މޫން" އެވެ. މިއަހަރުގެ "ހަންޓަރސް މޫން" އަންނާނީ އޮކްޓޯބަރު މަހުގެ 8 ގައެވެ. ނޮވެންބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ބީވަރ މޫން" އެވެ. މިއަހަރުގެ "ބީވަރ މޫން" އަންނާނީ ނޮވެންބަރު މަހުގެ 6 ގައެވެ. ޑިސެންބަރު މަހުގެ ފުރިހަމަ ހަނދަށް ކިޔަނީ "ކޯލްޑް މޫން" އެވެ. މިއަހަރުގެ "ކޯލްޑް މޫން" އަންނާނީ ޑިސެންބަރު މަހުގެ 6 ގައެވެ. ހަނދުގެ ބުރެއްގައި ހިމެނެނީ 29 ދުވަސް ކަމުން ފުރިހަމަ ހަނދު އަންނަނީ އިރު މަހުގެ ނިސްބަތުގައި ބަލާއިރު އެއް ދުވަހަކު ނޫނެވެ.