12 Apr 2014, 15:20
އއ. ތޮއްޑޫގައި ކުޑަ ދެ އަންހެން ކުދިން ބާރު ސްޕީޑެއްގައި ދުއްވި ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ރުކެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އެއް ކުއްޖަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެރޭ 10:00 ހާއިރު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އެރަށު ސްކޫލްގެ ގްރޭޑް 10 ގައި ކިޔަވަމުން އަންނަ 16 އަހަރުގެ ދެ އަންހެން ކުދިންނަށް ކަމަށެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި ދެ ކުދިންގެ އާއިލާއިން ވާހަކަދެއްކި މީހަކު ސަން އަށް ބުނީ، އެ އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބުނީ، ސައިކަލްގެ ފަހަތުގައި އިން ކުއްޖާއަށް ކަމަށާއި އެ ކުއްޖާގެ މައިބަދައިން ކަށިކޮޅެއް ގުޑާފައި ވާއިރު ސިކުނޑިއަށް ލޭއަރާފައިވާ ކަމަށް އެކުއްޖާ ބެއްލެވި އައިޖީއެމްއެޗްގެ ޑޮކްޓަރުން ވިދާޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން އެކްސިޑެންޓުވިއިރު ސައިކަލު ދުއްވަން އިން ކުއްޖާއަށްވެސް އެކިވަރުގެ އަނިޔާތަކެއް ލިބިފައިވާ ކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ އެ އެކްސިޑެންޓް ހިނގުމުން ތޮއްޑޫ ސިއްހީ މަރުކަޒުގައި އެ ދެކުދިންނަށް ފަރުވާދިނުމަށްފަހު އެރޭ ދަންވަރުގެ ވަގުތެއްގައި އެމެޖެންސީގައި މާލެ ގެނެވިފައިވާ ކަމަށެވެ. އަދި މިހާރު އެ ދެ ކުދިންނަށްވެސް އައިޖީއެމްއެޗް ގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު ވޯޑެއްގައި އެޑްމިޓްކޮށްފައި ވާކަމަށްވެސް އޭނާ ވިދާޅުވި އެވެ.