12 Apr 2014, 15:16
އެންޓި ޓޯޗާ ގާނޫނުގެ ދަށުން އިއުލާނުކުރަން ޖެހޭ، ބަންދުގައި ބޭތިއްބުމަށް ތައްޔާރުކޮށްފައިވާ ތަންތަނުގެ ލިސްޓް ހޯމް މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ހޯމް މިނިސްޓްރީން އާއްމުކޮށްފައިވާ އެ އިއުލާނުގައި 23 ތަނެއް ހިމެނެ އެވެ.
އެ ތަންތަނުގެ ތެރޭގައި ހިމެނެނީ، ފުލުހުންގެ ބެލުމުގެ ދަށުން ބަލަހައްޓަމުން ގެންދާ މާލެ ކަސްޓޯޑިއަލް (އަތޮޅުވެހި) އާއި ދޫނިދޫ ކަސްޓޯޑިއަލް އާއި ވިލިމާލެ އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނާއި ހއ، ހދ، ށ، ނ، ރ، ބ، ޅ، އއ، އދ، ވ، މ، ފ، ދ، ލ، ގއ، ޏ ގެ އިތުރުން ހުޅުމީދޫ ޕޮލިސް ސްޓޭޝަނާއި އައްޑޫ ކަސްޓޯޑިއަލް އެވެ.
މީގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ދަށުން ބަލަހައްޓަމުންގެންދާ މާފުށީ ޖަލާއި ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި މާލެ އަދި ހުޅުމާލެ ޖަލާއި ކަސްޓޯޑިއަލް ރިސެޕްޝަން އެންޑް ޑައިގްނޯސްޓިކް ސެންޓަރު (ސީއާރުޑީސީ)ގެ އިތުރުން ބަންދުކުރެވޭ ފިރިހެން ކުޑަކުދިން ބައިތިއްބާ ކ. ހިންމަފުށީ ޖަލާއި ބަންދުކުރެވޭ އަންހެން ކުޑަކުދިން ބައިތިއްބާ ކ. މާފުށީ ޖަލު އެ ލިސްޓުގައި ހިމެނެ އެވެ.
އަނިޔާކުރުމާއި ރަހުމް ކުޑަ ލާއިންސާނީ އިހާނެތި އަމަލުތަކާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން މަނާކުރުމާއި އެފަދަ ކުށްތަކަށް އަދަބު ކަނޑައެޅުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ތަސްދީގުކޮށް ގެޒެޓްކޮށްފައިވާ އެންޓި ޓޯޗާ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ މި އަހަރުގެ މާޗު 23 ވަނަ ދުވަހުން ފެށިގެން ނެވެ.
އެ ގާނޫނުގެ ދަށުން ފަރުވާދޭން ޖެހޭ މީހުން ބައިތިއްބާ ތަންތަނުގެ ލިސްޓް ހެލްތު މިނިސްޓްރީ އިން ވެސް އިއުލާނުކޮށްފައިވާ އިރު، އިމިގްރޭޝަންގެ ބޭނުމަށް ބިދޭސީން ބަންދުކޮށްގެން ގެންގުޅޭ ތަންތަން ވެސް އާއްމުކުރަން ޖެހެ އެވެ.