12 Apr 2014, 15:02
ލިބުނު އެކޮސްޓިކް ސިގްނަލްތަކަކަކީ އެމްއެޗް370ގެ ކަޅުފޮށިން ލިބުނު ސިގްނަލްތަކެއް ކަން ވަރަށް ބޮޑަށް ޔަގީންވެވަޑައިގަންނަވާ ކަމަށް އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓް އަނެއްކާ ވެސް ވިދާޅުވެއްޖެ އެވެ.
ނަމަވެސް ގާތްގަނޑަކަށް ތިން މޭލު ނޫނީ 15،000 ފޫޓު ފުނުން ކަޅުފޮށި ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
"ބެލެވެނީ ވަރަށް ދިގު މުއްދަތެއް ހޭދަވާނެ ކަމަށް،" ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން އެބޮޓް ވިދާޅުވި ކަމަށް ސީއެންއެން ބުންޏެވެ.
އެބޮޓް މިހެން ވިދާޅުވި ނަމަވެސް މަތިންދާބޯޓް ހޯދުމަށް އޮސްޓްރޭލިއާ އިން ހިންގަމުން އަންނަ އޮޕަރޭޝަނުގެ ޗީފް ކޯޑިނޭޓަރު އެއާ ޗީފް މާޝަލް އެންގުސް ހައުސްޓަން އިއްޔެ ވެސް ވިދާޅުވެފައި ވަނީ ސިގްނަލް ލިބުނީ އެމްއެޗް 370ގެ ކަޅުފޮށިން ކަމުގެ ޔަގީންކަން ދެވެން ނެތް ކަމަށެވެ.
"އަހަރެންނަށް ލިބިފައިވާ މައުލޫމާތަށް ބަލައިފާއި އެ ސިގްނަލްތަކަކީ އެމްއެޗް 370ގެ ސިގްނަލް ކަމުގެ ޔަގީންކަން ދެވޭކަށް ނެތް. އަދި އެކަމުގެ މާ ބޮޑު ކުރިއެރުމެއް ނުލިބޭ،" ހައުސްޓަން އިއްޔެ ވިދާޅުވެފައިވެ އެވެ.
މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ މަހު އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގައި ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.