12 Apr 2014, 12:09
ނުރައްކާތެރި ބާވަތް ބާވަތުގެ ޖަނަވާރުތައް ރާއްޖޭގައި ގެންގުޅޭތީ އެތަކެތި ހޯދައި ބަންދުކުރަން ފުލުހުން ނުކުމެއްޖެ އެވެ.
ފުލުހުން މިއަދު ބުނީ ނުރައްކާތެރި ޖަނަވާރުތައް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފުލުހުންނާއި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެއޮޕަރޭޝަން ފެށީ އެފަދަ ޖަނަވާރުތައް ގެންގުޅެމުންދާތީ އާއި އެފަދަ ތަކެތި މާލޭގެ މަގުތަކުންވެސް ފެންނަމުންދާތީ ކަމަށެވެ.
މިއަދު ހެނދުނުން ފެށިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ބޭނުމަކީ ނުރައްކާތެރި ޖަނަވާރެއްގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ކުރިން އެފަދަ ތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ޖަނަވާރުތައް ހޯދައި ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ އޮޕަރޭޝަންގައި އެންވައިރުމެންޓް މިނިސްޓްރީއާއި އާއި ފިޝަރީސް އެންޑް އެގްރިކަލްޗަރު މިނިސްޓްރީ އާއި މޯލްޑިވްސް ކަސްޓަމްސް ސަވިސްގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް( އެމްއެންޑީއެފް) ބައިވެރިވެ އެވެ.
ބޮޑެތި ހަރުފައާއި ވިހަގަދަ ފައިދިގު މަކުނު ފަދަ ބާވަތްތައް މާލެއިން ފެނުން ފަހަކަށް އައިސް ވަނީ އާއްމު ވެފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުން ހޯދައި ހައްޔަރުކުރުމަށް ފުލުހުން ހިންގި ބައެއް އޮޕަރޭޝަންތަކުގައި ވެސް އެފަދަ ތަކެތި ވަނީ މާލެއާއި އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ ގޭގެއިން ފެނިފަ އެވެ.