12 Apr 2014, 11:24
އެންޓި ޓޯޗާ ގާނޫނުގެ ދަށުން އިއުލާނުކުރަން ޖެހޭ، ރިހިބިލިޓޭޝަން ފަރުވާދޭ މަރުކަޒުތަކާއި ނަފްސާނީ ބަލިތަކަށް ފަރުވާދޭ ތަންތަނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުތަކުގެ އިތުރުން ޑިޓޮކްސިފިކޭޝަނަށް މީހުން ބަންދުކުރާ ތަންތަނުގެ ގޮތުގައި ތައްޔާރުކޮށްފައިވާ ތަންތަން ހެލްތު މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.
ހެލްތް މިނިސްޓްރީން އާއްމުކުރި ތަންތަނުގެ ލިސްޓުގައި 14 ތަނެއް ހިމެނެ އެވެ.
އެ ތަންތަނުގެ ތެރޭގައި ހިމެނެނީ، ކ. ހިންމަފުށީ، ޏ. ފުވައްމުލަކު އަދި ސ. ހިތަދޫގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހިބިލިޓޭޝަން ސެންޓަރުތަކާއި މާލޭގައި ހުންނަ ކޮމިއުނިޓީ ސާވިސް ސެންޓަރާއި ގަގަން ކްލިނިކްގެ އިތުރުން ވިލިމާލޭގައި ހުންނަ ޑިޓޮކްސިފިކޭޝަން ސެންޓަރާއި ކުޑަކުދިންގެ ހިޔާ އާއި އަމާން ހިޔާ އެވެ.
މީގެ އިތުރުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ކ. މާފުށީގައި ހުންނަ ތައުލީމީ މަސައްކަތް އުގަންނައިދޭ ކުޑަކުދިންގެ މަރުކަޒާއި ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ތ. ވޭމަންޑޫ އަދި ގދ. ތިނަދޫގައި ހުންނަ އަމާން ހިޔާތައް ވެސް އެ ލިސްޓުގައި ހިމެނެ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 23 ވަނަ ދުވަހު ތަސްދީގުކޮށް ގެޒެޓްކޮށްފައިވާ އެންޓި ޓޯޗާ ގާނޫނަކީ އަނިޔާކުރުމާއި ރަހުމް ކުޑަ ލާއިންސާނީ އިހާނެތި އަމަލުތަކާއި އިންސާނީ ކަރާމާތް ގެއްލޭ ފަދަ އަދަބު ދިނުން މަނާކުރުމާއި އެފަދަ ކުށްތަކަށް އަދަބު ކަނޑައަޅާ ގާނޫނެކެވެ. އަދި އެ ގާނޫނަށް އަމަލުކުރަން ފެށުމުން، ރާއްޖޭގައި އަނިޔާކުރުމާ ދެކޮޅަށް މަސައްކަތް ކުރުމުގެ އިތުރުން އެފަދަ ކަންކަން ހުއްޓުވުމަށް ޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅު އެޅުމުގެ ބާރު ހިއުމަން ރައިޓްސް ކޮމިޝަނަށް ލިބެ އެވެ.
އެންޓި ޓޯޗާ ގާނޫނަށް އަމަލުކުރަން ފަށާފައި ވަނީ މި އަހަރުގެ މާޗު 23 ވަނަ ދުވަހުން ފެށިގެން ނެވެ.
އެ ގާނޫނުގައި ބުނެފައި ވަނީ، މީހުން ބަންދުގައި ބައިތިއްބާ ތަންތަނާ ބެހޭ މައުލޫމާތު ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި އާންމުކޮށް އިއުލާންކުރަން ޖެހޭނެ ކަމަށާއި އަދި އިއުލާންކުރާތާ ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި އެ ތަންތަނާ ބެހޭ ރިޕޯޓެއް އެކުލަވާލައި އެޗްއާރުސީއެމަށް އަންގަންވާނެ ކަމަށެވެ.