އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުންގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައި ތިއްބެވި ބޭފުޅުންގެ މަގާމުތައް މާދަމައިން ފެށިގެން އުވާލައްވެމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުޅުވިގެން ދިޔަ އުންމީދީ ދޮރެއް ކަމުގައި އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.


ސަރުކާރުގެ ނިންމެވުމަށް މަރުހަބާ ދަންނަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވީ، އެއީ ވަރަށް އުންމީދީ ފިޔަވަޅެއް ކަމަށާއި ސަރުކާރާ މެދު އެ ކޮމިޝަނަށް އޮތް އިތުބާރު އާލާވެގެން ހިނގައްޖެކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ވެސް ލިބިގެން ދިޔަ ވަރަށް އުފާވެރި އުންމީދީ ހަބަރެއް ކަމަށް ފުއާދު ވިދާޅުވި އެވެ.


"ސަރުކާރުން ކުރެއްވި ވަރަށް އެދެވޭ ވަރަށް ރަނގަޅު ކަމެއް ކަމަށް އަޅުގަނޑުމެން މިދެކެނީ. ގައުމުގެ ހުރިހާ ފަރުދުން ވެސް މިއަދު އެކަމާ އުފާކުރާނެ. އަޅުގަނޑުމެން ވަރަށް އުފަލާ އެކު އެކަން ބަލައިގަންނަން،" ފުއާދު ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ސަރުކާރުން މިނިވަން އިންސާފުވެރި އިންތިހާބަކަށް ފުރުސަތު ދެއްވުމުގައި ދެމިތިއްބަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.


މީގެ ކުރިން ފުއާދު ވަނީ ކައުންސިލަރުން އެ ތިއްބެވި މަގާމުތަކުގައި ތިއްބަވައިފި ނަމަ ލޯކަލް ކައުންސިލް އިންތިހާބަކީ އަމާން އޮމާން، މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ވުމަކީ ދުރުކަމެއް ކަމުގައި ވިދާޅުވެ، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ އެއްގޮތަށް ކައުންސިލަރުން އެމަގާމުތަކުން ދުރުކުރުމަށް ސަރުކާރަށް ތަކުރާރުކޮށް ގޮވައިލައިފަ އެވެ.


ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ، އަންނަ ފެބުރުއަރީ މަހުގެ ފަސް ވަނަ ދުވަހު ބާއްވާ އިންތިހާބަކީ މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހެދުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން ކައުންސިލަރުންގެ މަގާމުތައް މާދަމާ ރައީސް އުވާލައްވާނެ ކަމަށެވެ.


ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނުގެ 28 ވަނަ މާއްދާގައި ބުނަނީ އިންތިހާބު ބާއްވަން އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިހާބު ނިމެންދެން އެ އިންތިހާބެއް ނިސްބަތްވާ ކައުންސިލްގެ އިޚްތިޞާޞްގެ ދާއިރާގައި އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާނީ ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން ސިވިލް ސާވިސް ކޮމިޝަނުން ކަނޑައަޅާ މުވައްޒިފެއް ކަމަށެވެ.


އެހެންނަމަވެސް ސަރުކާރުން ބުނަމުން އައީ އިންތިހާބުގެ ކަންތައްތަކުގައި އިސް މީހެއްގެ ގޮތުގައި ސިވިލް ސާވިސްގެ ޒިންމާދާރުވެރިން ތިއްބަވާ ގޮތަށް ހަމަޖެއްސެވި ނަމަވެސް، ކައުންސިލަރުން ވެސް އެ ބޭފުޅުންގެ މަގާމުތަކުގައި ދެމި ތިއްބަވާނެ ކަމަށާއި އިންތިހާބެއް އިއުލާން ކުރެއްވީ ކަމަށް ބެލެވޭނީ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރައްވައި އިއުލާންކުރައްވާ ހިސާބުން ފެށިގެން ކަމަށެވެ.


އެކަމާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެންމެ ބޮޑު އިދިކޮޅު ޕާޓީ، ޑީއާރުޕީން ވެސް ވަނީ ކެންޑިޑޭޓުންގެ ނަންތައް އިއުލާންކުރާ ހިސާބުންފެށިގެން ކައުންސިލަރުން އެ މަގާމުތަކުގައި ތިއްބަވައިފި ނަމަ "ދަމާ ނެރެން" ވެސް ޖެހިދާނެ ކަމުގެ އިންޒާރު ސަރުކާރަށް ދީފަ އެވެ.


ލޯކަލް ކައުންސިލުގެ އިންތިހާބު މިނިވަން އިންސާފުވެރި އިންތިހާބަކަށް ހެދުމަށް ދައުލަތުގެ މީޑިއާ ސަރުކާރުގެ ނުފޫޒުން މިނިވަންކޮށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ބޯޑުގެ ދަށަށް ގެންނަން ޖެހޭ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ވަނީ ގޮވައިލައްވައިފަ އެވެ.