27 Mar 2010, 10:12
ރައްޔިތުންގެ މަޖިލީހުގައި ހިނގާ ދެބަސްވުމެއްގެ ސަބަބުން، ރާއްޖޭގެ ތަރައްޤީއަށާއި، އަމާންކަމަށް ހުރަހެއްއެޅިޔަ ނުދެއްވައި، ކަންކަން ކުރިއަށް ގެންދިއުމަށް ސަރުކާރަށް އެޅެން ހުރި ހުރިހާ ބާރެއް އަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާދަވެގެން ކޮންމެ ހުކުރު ދުވަހު ދެއްވާ އެމަނިކުފާނުގެ ރޭޑިއޯ ޚިޠާބުގައި މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ ކަންތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި އަޚްލާޤީ މިންގަނޑުތަކުން މުޅިން ނެއްޓި، އެއް މެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްލައްވައި، އަދި އެއްގޮތަކަށްވެސް ޢާންމު ތަންތަނުގައި ވިދާޅުވާން ނުޖެހޭ ބާވަތުގެ ވާހަކަތައް ވިދާޅުވަމުން ގެންދެވުމަކީ، މަޖިލީހުގެ މަސައްކަތަށް އަދި އެމަޖިލީހުގެ ގެ، ރައްޔިތުންނަށް ފެންނަ ގޮތަށް ހުރަސްތަކެއް އެޅޭނެ ކަމެއް ކަމުގައި ވިދާޅުވި އެވެ. އަދި ކިތަންމެ ބޮޑަށް ނުރުހުންވެގެންދިޔަސް ވެސް އަދި ޚިޔާލު ތަފާތުވެގެންދިޔަ ކަމުގައި ވިޔަސްވެސް، އެއްމެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްނުލައްވައި، ރައްޔިތުންގެ މަޖިލީހުގެ ކަންތައްތައް ހިންގަވަމުން ގެންދެވުމަކީ، ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މަޖިލިސްކުރާ ހޯލްތެރެއިން ބޭރުގައި ބައެއްފަހަރު މެންބަރުން، އަންހެން ބޭފުޅުންނަށް ނިސްބަތް ކުރައްވައި ވަރަށް ހުތުރު ބަހުން ވާހަކަ ދައްކަވާ ކަމުގެ ޚަބަރު ލިބިވަޑައިގަންނަވާ ކަމަށާއި، މިއީކީ އެއްވެސް ޙާލެއްގައި އަޅުގަނޑުމެންނަށް ވަރިހަމަކޮށްގެން ތިބެވޭނެ ކަމެއް ނޫންކަމުގައި ވިދާޅުވި އެވެ. މަޖިލީހުގައި ކަންކަން ޙައްލުވެގެން ނުދިޔައީމާ، އެކަންކަން މަޖިލީހުން ބޭރަށް، މަގުމައްޗަށްވެސް ފުރޮޅިގެން އެބަދާ ކަމަށާއި، އެއަށްފަހު އެކަންކަމަށް އެތައް ބާރަކާއި އެތައް ހަމަނުޖެހުމެއް މުޅި ރާއްޖޭގެ ކަންކޮޅުތަކުން ވަދެގެންދާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
މިދައުލަތް ހެޔޮގޮތުގައި، ރަނގަޅު ގޮތުގައި އަންނަން އޮތް ޖީލަށް ނުވަތަ ދެން އަންނަން އޮތް ސަރުކާރަކަށް ރައްދުކޮށްދިނުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ވާޖިބެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މީގެއިތުރުން އެކިއެކި ފަރާތްތަކުން ބާއްވާ ތަފާތު ތަގުރީރުތަކުގައި އަންހެނުންނަށް ނިކަމެތިވާ ފަދަ ގޮތަކަށް ނުވަތަ އެބައި މީހުންގެ ހައްޤުތަކަށް އަރައިގަނެވޭފަދަ ގޮތަކަށް ބައެއް ފާރްތަކުން ވާހަކަދައްކަމުންދާ ކަމުގެ ޝަކުވާ ލިބިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އަޅުގަނޑުމެންނަށް ލިބިދީފައިވާއިރު އެއްބާވަތެއްގެ ހިޔާލުތަކެއް ހުރުމުން އެކަމާ ނުރުހޭނަމަ ނުވަތަ ހިޔާލު ތަފާތުވާނަމަ ދެވަނަ ހިޔާލެއް އަލުން އަނބުރާ އެހެން ބަޔަކު ހާމަކުރުމަށް އެދިވަޑައިގެންނެވި އެވެ. އޭގެތެރެއިން ރައްޔިތުން ހިޔާރުކުރާ މަގަށް ރައްޔިތުން ދިރުއުޅެމުން ގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. އަދި ސުލްހަވެރިކަމާ ބިރުދެއްކުމެއްނެތި އެއްވެސް ހާލެއްގައި އަނިޔާގެ މަގަށް ނުވަތަ ހަމަނުޖެހުމުގެ މަގަށް ކަންތައްތައް ގެންދާނެ ކަމުގެ ވާހަކަތަކާއި ހިޔާލާތާ ނުލައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ރޭޑިޔޯ ޚިޠާބުގައި، އަންނަ އާދީއްތަ ދުވަހު ރާއްޖޭގައި ފެށުމަށް ހަމަޖެހިފައިވާ، އެހީދޭ ޤައުމުތަކާއި ޖަމާޢަތްތަކާއި، ބައިނަލްއަޤްވާމީ އެކި މުއައްސަސާތަކުގެ ބައްދަލުވުން ކަމަށްވާ ޑޯނަރސް ކޮންފަރެންސްގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ. މި ކޮންފަރެންސްގައި ބޭރުގެ ތަފާތު 80 ފަރާތަކުން ބައިވެރިވާ ކަމަށާއި، ސަރުކާރުން އުންމީދު ކުރައްވާ މިންވަރަށް މިކޮންފަރެންސަށްފަހު ސަރުކާރަށް ފައިސާ ހޯދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިތާބުގައި، ސަރުކާރުން މިހާތަނަށް ވަރަށްގިނަ ޢަދަދެއްގެ އެމް.އޯ.ޔޫ.ތަކުގައި ސޮއިކުރައްވާފައިވުމާއެކު، އެކަމުގެ މައްޗަށްވެސް ބައްލަވާލެއްވި އެވެ. އިރާދަކުރެއްވިއްޔާ، ދެން ފެނިގެންދާނީ، އެ އެމް.އޯ.ޔޫ.ތަކުގެ މުއްދަތު ހަމަވެ، އެ އެމް.އޯ.ޔޫތައް އެގްރީމަންޓްތަކަކަށް ބަދަލުވެ، އެއެގްރީމަންޓްތަކާ އެއްގޮތަށް މަސައްކަތްތައް ފެށިގެންދާތަން ކަމުގައި ވިދާޅުވި އެވެ. އަދި އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ދެމަހެއް ނުވަތަ ތިންމަހެއްހާ ދުވަހުގެ ތެރޭގައި، ވަރަށްގިނަ އެގްރީމަންޓްތައް ކުރެވި، މަސައްކަތްތައް ފެށިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.