ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އާއި ބައްދަލުކުރައްވައިފި އެވެ.

ފޯމަ ޕްރެޒިޑެންޓް ރައީސް ޑރ. ވަހީދުގެ އޮފީހުން ބުނީ އެމަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނުރަސްމީ ދަތުރުފުޅެއްގައި ކެމްބޯޑިއާ އަށް ވަޑައިގެންފައިވާ ކަމަށެވެ. އެ ދަތުރުގައި ރައީސް ޑރ. ވަހީދާއި އަނބިކަނަބަލުން ވަނީ ކެމްބޯޑިއާގެ ބޮޑުވަޒީރު ހުން ސެން އަރިހަށް މިއަދު އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާ ކަމަށެވެ. އެ ބައްދުލުވުން އޮތީ ކެމްބޯޑިއާގެ ވެރިރަށް ފޮން ޕެންގެ ޕީސްޕެލަސްގައި ކަމަށް ފޯމަ ޕްރެޒިޑެންޓްގެ އޮފީހުން ބުންޏެވެ.

އެ ޒިޔާރަތުގައި އަންނަ ހަފްތާގައި ފަށާ ކެމްބޯޑިއާގެ އާ އަހަރުގެ މުނާސަބަތުގައި ތަހުނިޔާ ދެންނެވި އެވެ. އަދި ކެމްބޯޑިއާގެ ރައްޔިތުންގެ ފަރާތުން ރާއްޖޭގެ ރައްޔިތުންނަށް ފާގަތި ކަމާއި ހެޔޮ މުސްތަގުބަލަކަށް އެދޭ ކަމަށް ބޮޑުވަޒީރު ހުން ސެން ވިދާޅުވި ކަމަށް ފޯމަ ޕްރެޒިޑެންޓްގެ އޮފީހުން ބުންޏެވެ.

އެ އޮފީހުން ބުނީ މިދިޔަ ހަފްތާގައި ރައީސް ވަހީދު ޗައިނާގެ ޝެންޑޮމް ޕްރޮވިންސަށް އަށް ވެސް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.