އަންނަ ރޯދަ މަހުގެ ކުރިން ކާނިވަލާއި ހާބަރުގައި ވަގުތީ ގޮތުން ވެހިކަލް ޕާކު ކުރެވޭނެ ގޮތަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

ސިޓީ ހޯލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ މާލޭގެ ހުސް ބިން ހުރި ސަރަހައްދުތަކެއް ފާހަގަކޮށްފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާއި ރައްޔިތުންނާ މަޝްވަރާ ކުރުމަށް ފަހު ޕާކު ކުރާނޭ ތަންތަން ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޔުޓިލިޓީސް އެންޑް ޓްރާންސްޕޯޓް ކޮމެޓީން ނިންމާފައި ވަނީ ރޯދަ މަސް އައުމުގެ ކުރީގައި ސަރުކާރާ ވާހަކަ ދައްކައިގެން ވަގުތީ ގޮތުން ވެސް ބޭނުން ކުރެވޭނެ ވަރަށް ބައިވަރު ބިންތައް މިހާރު އެބަހުރި ފާހަގަ ކުރެވިފައި.އެހެންވީމާ އެ ބިންތައް ރައްޔިތުންނާ ހިއްސާ ކުރުން،" ޝިފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ ކާނިވަލާއި ހާބަރު ސަރަހައްދުގައި ޕާކު ކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކޮމެޓީން ވާހަކަ ދައްކަމުން ގޮސް ކާނިވާ ތެރެއިންނާ އެއްކޮށް އަޅުގަނޑުމެން ނަގަމުން މި ދަނީ. ދެން އެހެން ގޮސް ހާބަރު ސަރަހައްދުގެ ކަޑަތަކުގެ ބިށްދޮށުގައި އެހުރި ސްޕޭސް،" އޭނާ ވިދާޅުވި އެވެ.

ރަޝީދު ވިދާޅުވީ ޕާކިންގެ މައްސަލަ ބޮޑުވެގެން އެ މައްސަލަ ހައްލު ކުރުމަށް ހުސް ބިމެއް ކައުންސިލަށް ދިނުމަށް ހައުސިން މިނިސްޓްރީއާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް ބިމެއް ދިނުމަށް މިނިސްޓްރީން ދެކޮޅު ހަދާ ކަމަށެވެ.

"ހައުސިން މިނިސްޓްރީއާ ވެސް މިނިސްޓީރިއަލް ލެވެލްގައި ވާހަކަ ދައްކަމުން މި ދަނީ ހުސް ބިމެއް ހޯދަން ޕާކިން އަށް. އެކަމަކު އެއްބަހެއް ނުވެވޭ." ރަޝީދު ވިދާޅުވި އެވެ.