08 Apr 2014, 17:01
މާލޭ ސިޓީ ކައުންސިލާއި އެހެން ކައުންސިލްތަކާ މެދު ތަފާތު ކުރުންތަކެއް ގެންގުޅޭ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މައްސަލައެއް ހުށަހެޅުމަށް އެ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ސިޓީ ހޯލުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކައުންސިލް މެންބަރު ޝަމާއު ޝަރީފް ވިދާޅުވީ ބައެއް އެހެން ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖައްސައިދީފައިވާ ކަމަށާއި ނަމަވެސް އެ ކައުންސިލަށް އެފަދަ ގޮތެއް މިހާތަނަށް ވެސް ނެތް ކަމަށެވެ.
"ލާމަރުކަޒީ ގާނޫނަކީ ހުރިހާ ކައުންސިލަށް ހަމަހަމަކޮށް ހުރިހާ އެއްޗެއްސެއް ވެސް ބަޔާން ކޮށްފައިވާ ގާނޫނެއް. ބައެއް ރަށްރަށުގެ ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތް އެބަހުރި. އެހެން ނަމަވެސް މިހާރު މާލޭ ސިޓީ ކައުންސިލްގެ އެއް ދައުރު ނިމިގެން ގޮސް ދެ ވަނަ ދައުރުގެ ހަތް ވަނަ ބައްދަލުވުން މިއަދު މި ކުރިއަށް ދިޔައީ. މިއަދާ ހަމައަށް ވެސް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ޝަމާއު ވިދާޅުވީ މާލޭ ސިޓީ ކައުންސިލަކީ ދައުލަތަށް އެންމެ ގިނައިން އާމްދަނީ ހޯދައިދޭ އެއް ކައުންސިލު ނަމަވެސް ކުދިކުދި ހަރަދު ކުރުމަށް ވެސް ދައުލަތުން ދެކޮޅު ހަދާ ކަމަށެވެ.
"އަޅުގަނޑުމެންނަކީ އެންމެ ގިނައިން ދައުލަތަށް އާމްދަނީ ވައްދައިދޭ އެއް ކައުންސިލް،" ޝަމާއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާމްދަނީގެ މައްސަލަތަކަށް ހައްލެއް ލިބޭނީ މާލޭ ސިޓީ ކައުންސިލުން ހޯދާ ފައިސާގެ ޕަސެންޓޭޖެއް ނަމަވެސް އެ ކައުންސިލަށް ލިބިގެން ކަމަށެވެ.
"އެ ތަނަކުން ލިބޭ އިންކަމްއެއްގެ ޕަސަންޓޭޖެއް ނަމަވެސް އަޅުގަނޑުމެންނަށް ލިބިގެން ކަންނޭންގެ މީގެ ޕާމަނަންޓް ސޮލިއުޝަނެއް ލިބޭނީ،" ޝަމާއު ވިދާޅުވި އެވެ.
ކައުންސިލް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ މުޅި ރާއްޖެއަށް ބަލައިލި ނަމަވެސް މާލޭ ސިޓީ ކައުންސިލަކީ އެންމެ ފަގީރު ނިކަމެތި ކައުންސިލް ކަމަށެވެ.