08 Apr 2014, 16:18
ޓުއާގައިޑް ފާސްނެތި އެކަން ކޮށްފި ނަމަ ތިން ފަހަރަށް ޖޫރިމަނާކޮށް ތިން ވަނަ ފަހަރު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރާ ގޮތަށް ޓުއާ ގައިޑުންގެ ގަވައިދު އިސްލާހު ކޮށްފި އެވެ.
ގެޖެޓްކޮށްފައިވާ އެ ގަވާއިދު ބުނާ ގޮތުން ޓުއާ ގައިޑް ފާސްނެތި ގައިޑްކަންކޮށްފި ނަމަ ފުރަތަމަ ފަހަރު 25000 ރުފިޔާ އިން އަދި ދެ ވަނަ ފަހަރު 50000 ރުފިޔާ އިން އަދި ތިން ވަނަ ފަހަރު 100،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އެ ގަވާއިދުގައި ބުނާ ގޮތުން ޓުއާގައިޑަކު ރާއްޖެ ބަދުނާމްވާ ފަދަ އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެ އެވެ. އަދި ޓުއާ ގައިޑަކު ޑިއުޓީ ވަގުތު ބޭ އަދަބީ ބަހުން ވާހަކަ ނުދެއްކުމަށް ބުނެފައިވެ އެވެ. އަދި އެގަވައިދާ ހިލާފު ވެއްޖެ ނަމަ ޓުއާ ގައިޑް ފާސް ހިފެހެއްޓުމުގެ ބާރު ޓޫރިޒަމް މިނިސް ޓްރީ އަށް ދީފައިވެ އެވެ.
އެ ގަވާއިދުގައި އިތުރަށް ބުނެފައި ވަނީ ޓުއާ ގައިޑަކު އެ ގަވައިދުގައި ބުނެފައިވާ ގޮތަކާއި ހިލާފުވެއްޖެ ނަމަ ފުރަތަމަ ފަހަރު 2000 ރުފިޔާ އިން އަދި ދެ ވަނަ ފަހަރު 5000 ރުފިޔާ އިން ތިން ވަނަ ފަހަރު 10000 ރުފިޔާ އިން ޖޫރިމަނާކުރާނެ ކަމަށެވެ. އަދި ވަގުތމުއްދަތުތަކަކަށް ޓުއާ ގައިޑް ފާސް ހިފެހެއްޓުމުގެ ބާރުވެސް މިނިސްޓްރީއަށް ދީފައިވެއެވެ.
އެގަވައިދުގައި ބުނާގޮތުން ޓުއާ ގައިޑުން ޖޫރިމަނާކޮށް ފިޔަވަޅު އެޅުމުގެ ބާރު ދީފައިވަނީ ޓޫރިޒަމް މިނިސްޓްރީއަށެވެ.