08 Apr 2014, 15:30
މާލޭ ސިޓީ ކައުންސިލަރުންގެ އިއްތިފާގުން ހޮއްވެވި މޭޔަރު މުހައްމަދު ޝިހާބާއި ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު މަގާމުން ދުރުކޮށް، އެ މަގާމަށް އެހެން ބަޔަކު އައްޔަން ކުރުމަށް ޕީޕީއެމުން ހުށަހަޅަން ނިންމައިފި އެވެ.
ޕީޕީއެމް ޓިކެޓްގައި ހުޅުހެންވޭރު ދާއިރާއިން މާލޭ ސިޓީ ކައުންސިލަށް އިންތިހާބުވި މުހައްމަދު ސާޖިދު މިއަދު "ސަން" އަށް ވިދާޅުވީ މެޔަރާއި ޑެޕިއުޓީ މޭޔަރު ބަދަލުކުރުމަށް ވަރަށް އަވަހަށް ހުށަހަޅުއްވާނެ ކަމަށެވެ. އެގޮތަށް ހުށަހަޅަނީ "ސަރުކާރުގެ ޕުރޮޖެކްޓްތަކަށް އެއްބާރުލުން ނުދޭތީ" އާއި "މެމްބަރުން މެދުގައި ތަފާތުކުރުން ވަރަށް ބޮޑަށް ގެންގުޅޭތީ" ކަމަށް ސާޖިދު ވިދާޅުވިއެވެ.
"ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މޭޔަރު ޝިހާބާއި ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދު ބަދަލުކުރުމަށް ހުށަހަޅާނަން" ސާޖިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުށަހެޅުމަށް އެމްޑީޕީގެ މެމްބަރުން ތާއީދު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލްގެ 11 މެމްބަރުންގެ ތެރެއިން އެ ކައުންސިލްގައި ހިމެނެނީ ޕީޕީއެމްގެ ތިން ކައުންސިލަރުންނެވެ.
ޕީޕީއެމް ކައުންސިލަރުންގެ ތުހުމަތުތަކާ ގުޅޭ ގޮތުން ބަހެއް ހޯދާލުމަށް މޭޔަރަށް ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ، މޭޔަރު ބަހެއް ނުލިބުނެވެ. ޑެޕިއުޓީ މޭޔަރު ޝިފާގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
މާލޭ ސިޓީ ކައުންސިލްގައި ހިމެނޭ 11 ކައުންސިލަރުންނަކީ ހުޅުހެންވޭރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސާޖިދު އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު ޒައިދުލް އަމީން އާއި ހެންވޭރު ދެކުނު ކައުންސިލަރު އިބްރާހިމް ނިމާލާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު އަދި ކުރީގެ އެޑިޔުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދާއި ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު ފާތުމަތު ރިޒްވީން އާއި މައްޗަންގޮޅީ އުުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ރަޝީދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް މަންނޫން އާއި މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު ޝަމާއު ޝަރީފާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ރިޝްވާން އާއި ވިލިމާފަންނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފުގެ އިތުރުން މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ޝިހާބެވެ.