08 Apr 2014, 15:17
ގދ. ތިނަދޫ ޑައިމަންޑުވިލާ، އަލީ ރަޝީދު، 79، މަރާލި ކަމުގެ ތުހުމަތުގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހައްޔަރުކޮށްފައި ވަނީ 33 އަހަރުގެ މީހަކާއި 39 އަހަރުގެ މީހެއް ކަމަށެވެ. އެ މީހުންގެ ތެރެއިން 33 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 4:00 ގައި ކަމަށާއި އަދި 39 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ ރޭ 12:00 ހާއިރު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އަލީ ރަޝީދު މަރާލި ކަމުގެ ތުހުމަތުގައި މިހާތަނަށް ޖުމްލަ ހަ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މައްސަލައިގައި އެންމެ ފުރަތަމަ މީހުން ހައްޔަރުކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. އެ ރޭ ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ ދިވެހި އަންހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 24 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި އޭގެފަހުން 31 އަހަރުގެ ދިވެހި ފިރިހެކަނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ އަލީ ރަޝީދުގެ މޫނު މައްޗާއި އޭނާގެ ގައިގެ އެކި ތަންތަނުން ޒަޚަމްތަކެއް ފެންނަން ހުރި އިރު، އޭނާ މަރުވެފައި އޮއްވައި ފެނުނު ގުދަނުގައި ލޭ ވެސް ހުރި ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޚާއްސަ ތަހުގީގު ޓީމެއް ތިނަދޫގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.